Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ޕެކެޖިން ސެންޓަރެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ޕެކެޖިން ސެންޓަރެއް ހިންގައި މެނޭޖް ކުރާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕޮރޮޕޯސަލާ ގުޅޭ މަޢުލޫމާތު ކަރުދާސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ސެންޓަރުގައި މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 10:00 ގައި އޮންނާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ވިޔަފާރިތަކަށް މާކެޓް ކުރުމުގެ އިތުރު ފުރުސަތުތައް ލިބެން އޮތީ އުފައްދާ ތަކެތި ރަނގަޅު ފެންވަރަކަށް ޕެކެޖް ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެން ކަމަށެވެ.

އަދި ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރި އާއި އެކިއެކި ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް އިތުރުވެ ތަރައްޤީވެ ތަރައްގީވަމުން އަންނާތީ އެ ތަކެއްޗަށް ރަނގަޅު މާކެޓެއް ހޯދައި ދީ ވިޔަފާރިތައް އިތުރަށް ތަރައްޤީ ކުރުމަށް ޕެކެޖިން ސެންޓަރެއް ހިންގުން މުހިއްމު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ތާޒާ އަދި ޕްރޮސެސް ކުރާ ކާބޯތަކެތި އައްޑޫގައި ޕެކް ކުރެވޭނެ ތަނެއް ހޯދައި، އެ ޕެކެޖިން ސެންޓަރު އޮޕަރޭޓް ކުރަން ބޭނުންވާ ބައެއް މެޝިނަރީ ވެސް ހޯދާފައިވާ ކަމަށެވެ.