Last Updated: June 13, 13:24
Saturday, June 13, 2026
ޚަބަރު

ވޯލްޑް ކަޕް ޓްރޮފީގައި އަތް ލެވޭނީ ރައީސަށް އެކަނި: އެފްއޭއެމް

ވޯލްޑް ކަޕްގެ ކުރިން ބާއްވާ ވޯލްޑް ކަޕް ޓުއާގައި ރާއްޖެއަށް ޓްރޮފީ ގެނެސް، އޭގައި އަތް ލެވޭނީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީނަށް ކަމަށް އެފްއޭއެމުން ހާމަކޮށްފިއެވެ.

"ކޮކާ ކޯލާ" އިން ސްޕޮންސާކުރާ މި ޓުއާގައި މިހާރު ސްރީ ލަންކާގައި ތަށި ދައްކާލާފައިވާއިރު ދެން ތަށި އަންނާނީ ރާއްޖެއަށެވެ. ޓްރޮފީ ގެންނަން ހަމަޖެހިފައިވާ ޚާއްސަ ޖެޓު ރާއްޖެ އަންނާނީ މިއަދު ހަވީރު 5:00 ގައެވެ.

އަދި މިރޭ ތަށި ދައްކާލުމުގެ ޚާއްސަ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި ޚާއްސަ ވަގުތުކޮޅެއްގައި ރައީސް ތަށީގައި އަތް ޖައްސާލާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

އަދި ތަށްޓާއެކު ނަގާ ގްރޫޕް ފޮޓޯގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަދި ކޮންމެ ރަށަކުން މީހަކު ހިމަނާނެ ކަމަށްވެސް އެއިދާރާއިން ބުނެއެވެ. މީގެ މަގުސަދަކީ މުޅި ރާއްޖެ މިހަފްލާގައި ޝާމިލު ކުރުން ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

ވޯލްޑް ކަޕް ޓްރޮފީގައި އަތް ލެވޭނީ މުބާރާތް ކާމިޔާބުކުރާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެގައުމެއްގެ ރައީސަށް އެކަންޏެވެ.