Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ރީނދޫ: ހަނދާން ރަނގަޅުކޮށްދޭ

ދިވެހި ކާނާ ތައްޔާރު ކުރުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ރީނދުލަކީ ހަނދާން ގަދަކޮށް މޫޑް ރަނގަޅު ކުރުމާއެކު އަލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއްކަން ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކަން ޖާނަލް އޮފް ގެރިއާޓްރިކް ސައިކެޓްރީ ގައި ޝާއިރު ކުރި ދިރާސާގައި ޑިމެންޝާ ބަލި ނުޖެހޭ މީހުންގެ ހަނދާނަށް ކާކިއުމިން މާއްދާއިން ކުރާ އަސަރާއި، އަލްޒައިމާސް ބަލި ޖެހިފައިވާ މީހުންނަށް ވެސް އޭގެއިން ކުރާ އަސަރު ބެލިއެވެ.

ރީނދޫގައި އެކުލެވިގެންވާ މާއްދާއެއް ކަމުގައިވާ ކާކިއުމިން އަކީ މީގެ ކުރިން ވެސް ކުރެވުނު ދިރާސާތަކުގައި އެންޓި-އިންފްލެމޭޓަރީ އަދި އެންޓިއޮކްސިޑެންޓް އަސަރުތައް ކުރުވާ މާއްދާއެއްކަން ވަނީ ހޯދިފަ އެވެ.

ކާކިއުމިންގެ އަސަރު ކުރަނީ ސީދާ ކޮންގޮތަކުން ނޭނގުނަސް، ލަފާކުރެވޭ ގޮތުގައި އެއީ ސިކުނޑި އިންފްލެމޭޓްވާ މިންވަރު ކުޑަކޮށްދޭ އެއްޗެއް ކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ބުނެއެވެ.

މި ދިރާސާގައި ހަނދާން ބަލި އުމުރުން 50-90 އަހަރާ ދެމެދުގެ 40 މީހުން ވަނީ ބައިވެރިވެފަ އެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް ޕްލެސީބޯ ގުޅައެއް ދިން އިރު، އަނެއްބައި މީހުންނަށް ދިނީ 18 މަސް ދުވަހަށް 90 މިލިގްރާމްގެ ކާކިއުމިން އެވެ.

ދިރާސާ ފެށުމުގެ ކުރިންނާއި، ކޮންމެ ހަ މަހަކުން އަދި 18 މަސް ފަހުން އެ ބައިވެރިންގެ ހަނދާނަށް ކުރާ އަސަރުތައް މޮނީޓާ ކުރެވުނެއެވެ.

ދިރާސާއިން ދެއްކި ގޮތުގައި އޭގެ ތެރެއިން ކާކިއުމިން ބޭނުން ކުރި މީހުންގެ ހަނދާނާއި ސަމާލުކަން ދިނުމުގެ ޤާބިލިއްޔަތުކަން އިތުރަށް ރަނގަޅުވި އެވެ. އަދި ޕްލެސީބޯ ދިން ބައިވެރިންގެ ހަނދާނާއި ސަމާލުކަން ދިނުމުގެ ޤާބިލިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވެ އެވެ.

އެގޮތުން މެމޮރީ ޓެސްޓްތަކުގައި ކާކިއުމިން ބޭނުންކުރި ބައިވެރިން 18 މަސް ދުވަހުގެ ތެރޭގައި 28 ޕަސަންޓްގެ ކުރިއެރުމެއް ދެއްކި އެވެ.

އެހެންކަމުން ޤަވާއިދުން ކާކިއުމިން އެކުލެވިގެންވާ ބާވަތްތައް ކެއުމަކީ ހަނދާން ރަނގަޅުކޮށްދޭ ކަމެއްކަން ދިރާސާ އިން ވަނީ ސާބިތުކޮށް ދީފަ އެވެ.