Last Updated: June 28, 10:37
Sunday, June 28, 2026
މުނިފޫހިފިލުވުން

އޮސްކާގެ ގިނަ ނޮމިނޭޝަން "ޝޭޕް އޮފް ވޯޓާ" އަށް

އަންނަ މާޗް މަހު ބާއްވާ 90 ވަނަ އަހަރީ އެކަޑެމީ އެވޯޑްސްގެ ނޯމިނޭޝަންތައް އިއުލާންކޮށްފި އެވެ.

މި ފަހަރުގެ އޮސްކާ އެވޯޑަށް އެންމެ ގިނައިން ނޯމިނޭޓްވެފައި ވަނީ ގިޔާމޯ ޑެލް ޓޯރޯގެ ފިލްމް "ދަ ޝޭޕް އޮފް ވޯޓާ" އެވެ. އެ ފިލްމް ޖުމްލަ 13 ކެޓަގަރީއަކުން ނޯމިނޭޓްވެފައި ވާއިރު، ދެވަނަ އަށް އެންމެ ގިނަ ނޯމިނޭޝަން ލިބިފައި ވަނީ ކްރިސްޓޮފާ ނޯލަންގެ ފިލްމް "ޑަންކާކް" އަށެވެ.

"ދަ ޝޭޕް އޮފް ވޯޓާ" ވަނީ އެންމެ މޮޅު ފިލްމާއި، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު ލީޑިން އެކްޓްރެސް އާއި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އިތުރުން ގިނަ ޓެކްނިކަލް ކެޓަގަރީތަކަކުން ވެސް ނޯމިނޭޓްވެފަ އެވެ.

"ޑަންކާކް" އަށް ލިބިފައިވާ ނޯމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ސިނެމަޓޮގްރަފީ ހިމެނެއެވެ.

މީގެ އިތުރުން ދާދިފަހުން ބޭއްވި ގޯލްޑެން ގްލޯބްސް އެވޯޑްސްގައި ގިނަ އެވޯޑްތަކެއް ހާސިލްކުރި ފިލްމް "ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިންގް، މިސޫރީ" އަށް ވެސް ވަނީ ހަތް އޮސްކާ ނޯމިނޭޝަން ލިބިފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު އެކްޓްރެސް ހިމެނެއެވެ.

މި ފަހަރުގެ އޮސްކާ އެވޯޑްސް ވެގެންދާނީ ވަރަށް ތާރީޚީ ހަފްލާ އަކަށެވެ. އެގޮތުން އެންމެ މޮޅު ސިނެމަޓޮގްރަފީގެ ބައިން ނޯމިނޭޓްވި ރޭޗެލް މޮރިސަން އަކީ އެ ކެޓަގަރީ އިން އޮސްކާގެ ތާރީޚުގައި ވެސް ނޯމިނޭޓްވި ފުރަތަމަ އަންހެން މީހާ އެވެ.

މި ފަހަރުގެ އޮސްކާ އެވޯޑްސްގެ ނޯމިނޭޝަންތައް އިއުލާންކޮށްދީފައި ވަނީ ޓިފަނީ ހޭޑިޝް އާއި އެންޑީ ސާކިސް އެވެ.