Last Updated: June 28, 10:37
Sunday, June 28, 2026
މުނިފޫހިފިލުވުން

ޔޫވިކާ އާއި ޕްރިންސް އެންގޭޖްވެއްޖެ

ބިގް ބޮސް އާއި ރޯޑީޒް ފަދަ ރިއަލިޓީ ޝޯތައް ކާމިޔާބުކޮށްފައިވާ ޕްރިންސް ނަރޫލާ އާއި ބޮލީވުޑްގެ ބައެއް ފިލްމްތައް ކުޅެފައިވާ ޔޫވިކާ ޗޯދަރީ އެންގޭޖްވެއްޖެ އެވެ.

އިއްޔެ ބޭއްވި ހަފުލާއެއްގައި ޕްރިންސް އާއި ޔޫވިކާ ވަނީ އެކަކު އަނެކަކާ އެންގޭޖްމެންޓް އަނގޮޓިތައް ބަދަލުކޮށްފަ އެވެ.

ޕްރިންސް ވަނީ އެންގޭޖްމެންޓް ހަފުލާގެ ތެރެއިން އޭނާ އާއި ޔޫވިކާ އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓް ކުރަމުން، އެންގޭޖްމެންޓްގެ ޚަބަރު ފޭނުންނާ ހިއްސާކޮށްފަ އެވެ.

"އޯމް ޝާންތީ އޯމް" އާއި "ނޯޓީ އެޓް 40" ފަދަ ފިލްމްތައް ކުޅެފައިވާ ޔޫވިކާ ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ އާއި ޕްރިންސްގެ އެންގޭޖްމެންޓްގެ ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ.

ޔޫވިކާ އާއި ޕްރިންސް ފުރަތަމަ ބައްދަލުވީ 2015 ގައި ކަލާޒް ޗެނަލުން ދެއްކި ޓީވީ އިން ގެނެސް ދިން "ބިގް ބޮސް 9" އިންނެވެ. އެ ޝޯގައި އެ ދެ މީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދި ޝޯއަށް ފަހު އެ ރަހުމަތްތެރިކަން ވަނީ ލޯތްބަށް ބަދަލުވެފަ އެވެ.

ޔޫވިކާ އާއި ޕްރިންސްގެ އެންގޭޖް ކުރި ދުވަހަކީ ޕްރިންސް އަށް ބިގް ބޮސްގެ ޓްރޮފީ ލިބުނުތާ ދެ އަހަރު ފުރުނު ދުވަހެވެ.