Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ދިރާގް ޕޭ: ޣިޔާސުއްދީން ސްކޫލަށް ބޮޑު ލުޔެއް

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ދިރާގާއި ގުޅިގެން އެ ސްކޫލްގެ ކެފެޓީރިޔާގައި ދިރާގު ޕޭ ތައާރަފްކޮށްފިއެވެ.
ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

މިއަދު މިތައާރަފްކުރި ހިދުމަތާއެކު ކޭޝް ނުލައި މޯބައިލް ފޯނުގެ ހިދުމަތުން ކެފެޓީރިޔާއިން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ފަސޭހަކަން މަގުފަހިވެގެންދާނެއެވެ. މި ހިދުމަތަކީ ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ހިދުމަތެކެވެ.

ސްކޫލްގައި މި ހިދުމަތް ބޭނުންކުރަން ދަރިވަރުން ބޭނުން ކުރަން ޖެހޭނީ އެން.އެފް.ސީ ސްޓިކާ އެކެވެ. ނުވަތަ މޯބައިން ނަންބަރަކާއި ޕިން ނަންބަރެކެވެ. ނަމަވެސް ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް މެނޭޖްކުރާނީ ބެލެނިވެރިންނެވެ.

އެހެންކަމުން މި ހިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ކުދިންގެ އިންޓަވަލް ހަރަދު މެނޭޖްކޮށް މޮނިޓާކުރެވޭނެއެވެ. އަދި ދަރިވަރުންގެ ޓަރާސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭ އެޕް މެދުވެރިކޮށް ބެލެނިވެރިޔާ އަށް ބަލާލެވޭނެވެ.

އަދި ޓްރާންސެކްޝަނެއް ހިނގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސް.އެމް.އެސް އެއްވެސް ދާނެއެވެ. އަދި އެކައުންޓަކުން ފައިސާ ހުސްވެއްޖެނަމަ ދިރާގު ޕޭ އެޕް މެދުވެރިކޮށް ފައިސާ އެޅުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.

ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިއަދު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބެލެނިވެރިންނަށް ހުޅުވާލައިގެން ބޭއްވި ހާއްސަ ސެޝަންތަކަކުންނެވެ. ދިރާގުޕޭ އާންމުކޮށް ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.