ކަރަބައޮ ކަޕް ސެމީ ފައިނަލުގައި އާސެނަލް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ދެވަނަ ލެގު 1-2 އިން އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ލެގު ޗެލްސީގެ ދަނޑުގައި ކުޅެ، 0-0 އިން އެއްވަރުވެ ވަނީ ނިމިގެން ގޮސްފައެވެ. ރޭ އާސެނަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. 7 ވަނަ މިނެޓުގައި ހަޒާޑް ޗެލްސީއަށް ލީޑު ނަގާދީފައިވާއިރު 12 ވަނަ މިނެޓުގައި އާސެނަލްއަށް ނަތީޖާ އެއްވަރު ކުރެވުނީ ޗެލްސީގެ ރުޑިގާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގާ ދިނީ ޖަކާއެވެ. އޭނާގެ ލަނޑަށް ފަހު ޗެލްސީއަށް ނަތީޖާ އެއްވަރު ކުރެވިފައެއް ނުވެއެވެ. ޗެލްސީގެ ފަރާތުން 12 ހަމަލާ ގޯލަށް ފޮނުވާފައިވި ނަމަވެސް ގޯލާ އަމާޒު ވެފައިވަނީ އެންމެ ދެ ހަމަލާއެކެވެ.
ފެބްރުއަރީ 25 ގައި މިމުބާރާތުގެ ފައިނަލުގައި ވާދަކުރާނީ މެންޗެސްޓާ ސިޓީ އަދި އާސެނަލްއެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ނަމަވެސް އެޓީމު ވަނީ މިފަހަރު ކުއާޓާގައި ބްރިސްޓަލް ސިޓީ އަތުން ބަލިވެ، ކަޓާފައެވެ.