Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

އެންމެ ގިނަ ޓެކްސް ދެއްކީ އައްޑޫ ބްރާންޗަށް

މިއަތޮޅުތެރޭގެ ބްރާންޗްތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގެންފައި ވަނީ އައްޑޫ ބްރާންޗުން ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން (މީރާ) އިން ބުނެފި އެވެ.

މީރާގެ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާ ވެސް ފަސޭހަވާނެ ފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށް ދިނުމަކީ އެ އިދާރާގެ އަމާޒެކެވެ.

މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯސްމަންޓް ޑިޕާޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވީ، އަތޮޅުތެރޭގެ 12 ސަރަހައްދެއްގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ އިރު، ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަތީ އައްޑޫ ބުރާންޗުން ކަމަށެވެ.

ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އާބާދީ ބޮޑެތި ޞަރަޙައްދުތަކުގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ފުވައްމުލައް ހިމެނެ އެވެ.

މީރާ އިން ބުނީ މި އަހަރުގެ ވެސް އިތުރު އަތޮޅުތަކުގައި ކަލެކްޝަން ސެންޓަރުތައް ހުޅުވާނެ ކަމަށެވެ.

މިދިޔަ އަހަރު ދައުލަތައް ލިބުނު ޢާމްދަނީގެ 80 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ޢާމްދަނީއެވެ. މިދިޔަ އަހަރު ޓެކްހުގެ ގޮތުގައި މީރާ އަށް 15.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ.