Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު

އައްޑޫ ކައުންސިލްގެ ބިޑް ކޮމިޓީ އެކުލަވާލައިފި

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން ހޯދަން ޖެހޭ ޚިދުމަތްތައް ހޯދުމާއި، ތަކެތި ގަތުމާއި، ޕްރޮޖެކްޓްތައް ހިންގާނެ ފަރާތްތައް ހޯދުމާއި، އެކަންކަމާއ ގުޅޭ ކަންކަން ހިންގާނެ ގޮތާއި ބިޑް ކޮމިޓީ އެކުލަވާލުމާއި ކޮމިޓީ ހިންގާނެ ގޮތުގެ އުޞޫލު ފާސްކޮށްފި އެވެ.

ކައުންސިލުން ބުނީ މި އުޞޫލު އެކުލަވާލުމުގެ މަޤްސަދަކީ އައްޑޫ ސިޓީ ކައުންސިލް އިދަރާއިން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ރާވައި ހިންގުމާއި، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ބިޑް ޑޮކިއުމެންޓްގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އިޖްރާއަތްތަކާއި އެއްގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު ވަކި ފަރާތަކަށްނުޖެހި ޢަމަލުކުރާނެ ހަރުދަނާ ދެ ފުށްފެންނަ އުޞޫލުތަކެއް ކަނޑައެޅުމެވެ.

ބިޑް އުސޫލުގައިވާ ގޮތުގެ މަތިން ބިޑް އިވެލުއޭޓް ކުރާނެ ފަރާތްތަކާއި ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަރާތްތައް މިހާރު ވަނީ އައްޔަންކޮށްފަ އެވެ.

އިވެލުއޭޝަން ކޮމިޓީގައި ހިމެނެނީ ފަސް މެމްބަރުންނެވެ.

އެއީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ ދެ މުވައްޒަފުންނާއި ޕްރޮޖެކްޓް، ލީގަލް އަދި ފައިނޭސް ސެކްޝަންތަކުން ހަމަޖައްސާ މުވައްޒަފުން ހިމެނޭ ގޮތަށެވެ.

ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހަތް މެމްބަރުންނެވެ. އެއީ ކައުންސިލުން ކަނޑައަޅާ ދެ މެމްބަރުންނާއި ކައުންސިލް އިދާރާގެ ފައިނޭންސް ސެކްޝަން، ލީގަލް، ޕްރޮޖެކްޓް، ޕްލޭނިން އަދި ޑިވެލޮޕްމަންޓް ސާވިސް ޑިވިޝަނުން ކަނޑައަޅާ މުވައްޒަފުން ހިމެނޭ ގޮތަށެވެ.

ބިޑް ކޮމިޓީއަށް ކައުންސިލުން ކަނޑައަޅާ ދެ މެމްބަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފާއި މަރަދޫ ކައުންސިލަރު އިބްރާހިމް ފައިސަލެވެ.

މީގެ އިތުރުން ކޮމިޓީގެ މުޤައްރިރުގެ މަޤާމަށާއި ކޯ-ޗެއާ ގެ މަޤާމަށް ވެސް އެ ދެ ބޭފުޅުން ވަނީދު ކޮމިޓީ އެކުލަވާލުމަށް ބޭއްވުނު ބައްދަލުވުމުގައި ނެގުނު ވޯޓުން ފާސްވެފަ އެވެ. ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ޔަސްރިފް ހޮވިވަޑައިގެންނެވިއިރު ކޯ-ޗެއާގެ މަޤާމަށް ހޮވިވަޑައިގަތީ ފައިސަލްެވެ.