Last Updated: June 13, 13:15
Saturday, June 13, 2026
ކުޅިވަރު

ކޮޕަ ޑެލްރޭން ވެސް ރެއާލް ކަޓައިފި

މިދިޔަ ސީޒަނުގައި ލީގާއި ޗެމްޕިއަންސް ލީގުވެސް އުފުލާލި ރެއަލް މެޑްރިޑަށް މި ސީޒަނުގައި ކުރިމަތިވަމުން އަންނަ ހިތްދަތިކަން އިތުރުވެގެން ދިޔައީ ރޭ ކޮޕަ ޑެލްރޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުން ބަލިވެ މުބާރާތުން ކެޓުމުންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޓީމު ބަލިވެފައިވަނީ ލެގަނެސް އަތުން 2-1 އިންނެވެ. ރެއާލް މިމެޗުން ބަލިވެފައިވަނީ ފުރަތަމަ ލެގު 0-1 އިން ކާމިޔާބު ކުރުމަށްފަހުގައެވެ. އެގްރިގޭޓު ނަތީޖާ 2-2 އިން އެއްވަރު ވިޔަސް، ލެގެނެސް ކުރިއަށް ދިޔައީ އެވޭ ގޯލުން ކުރި ލިބިގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލެގަނެސްއެވެ. ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބެންޒީމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ލެގަނެސް ދެވަނަ ފަހަރަށް ލީޑު ނެގީ 55 ވަނަ މިނެޓުގައެވެ. މިއީ 19 ފަހަރު ކޮޕަ ޑެލްރޭ ކާމިޔާބުކޮށްފައިވާ ރެއާލާ ދެކޮޅަށް ކުޅެ ލެގަނެސް މޮޅުވި ފުރަތަމަ ފަހަރެވެ.

ލީގު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައި އޮތް ރެއާލް ވަނީ އެއްވަނައިގައި އޮތް ބާސާއާ ދެމެދު 19 ޕޮއިންޓު ފަހަތުގައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 އަށް ރެއާލް ވަނީ ދަތުރުކޮށްފައެވެ.