Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

ވިޔަފާރިވެރިޔަކު ހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

އައްޑޫގެ އަމިއްލަ ވިޔަފާވެރިއެއް ކަމަށްވާ އިދްރީސް ގާސިމް (އިދްރީސްބެ) މަރަދޫފޭދޫގައި ހެދި ހިނަވާގެ އައްޑޫ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.

މަރަދޫފޭދޫ "މަސްޖިދުލް އަލީ" ކައިރީގައި ހަދާފައިވާ ހިނަވާގެ ހަވާލު ކުރަން ބޭއްވި ހަފުލާގައި އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ވިޔަފާރިއެއްގެ އިސްނެގުމަކަށް މިފަދަ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ފޯރުކޮށް ދޭން ކުރި މަސައްކަތް ބަލައި ގަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު ވެސް އަދާ ކުރާ ކަމަށެވެ.

ކައުންސިލުން ވަނީ އިދްރީސްބެ ކޮށް ދެއްވި މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީލިޔުމެއް އަރުވައިފަ އެވެ.

އޭނާ ގާއިމުކޮށް ދިން ހިނަވާގެއަކީ މީހަކު މަރުވެގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

އަދި މިއީ އައްޑޫގައި ގާއިމު ކުރި މިފަދަ ދެވަނަ ތަން ކަން ވެސް ފާހަގަކޮށްލެވެ އެވެ.

އައްޑޫ ސިޓީ ކައުންސިލާ އެތަން ހަވާލު ކުރުމާ ގުޅިގެން، ހިނަވާގޭގެ ކަންކަން ކުރިއަށް ދާނީ މަރަދޫފޭދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުންނެެވެ. އެތަނަކީ ހިނެވުމުގެ އިތުރުން ކަފުން ކުރުމަށް ބޭނުންވާ ތަކެއްޗާ އަދި އެކަމަށް ޚާއްސަ ކޮޓަރިއެއްގެ އިތުރުން މައްޔިތާގެ މޫނު ދައްކުން ބާއްވާނެ ތަނެއް ވެސް ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

އިދްރީސްބެއަކީ އިޖުތިމާއީ ޒިންމާގެ ދަށުން އައްޑު އަށް ތަފާތު ކަންކަންކޮށްދެމުން އަންނަ ވިޔަފާރިވެރިއެއްކަން ފާހަގަކޮށްލެވެ އެވެ. އޭނާ އަންނަނީ މަރަދޫފޭދުގައި "އިދްރީސް ކާޕެންޓްރީ" ގެ ނަމުގައި ވަޑާންގެއަކާއި ހާޑްވެއާ ފިހާރައެއް ވެސް ހިންގަމުންނެވެ.