Last Updated: June 13, 13:15
Saturday, June 13, 2026
ކުޅިވަރު

ބްރައިޓަންގެ ފޯވާޑް މުރޭ ހައްޔަރުކޮށްފި

އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ޓީމެއް ކަމަށްވާ ބްރައިޓަން ހޯވް އަލްބިއަންގެ ފޯވާޑް، ގްލެން މުރޭއާއި އޭނާގެ އަންހެނުން ސްޓޭސީ މުރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

މުރޭގެ ދެމަފިރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ޓެކްސްއަށް މަކަރު ހެދިކަމުގެ ތުހުމަތުގައެވެ. އަދި އެމީހުންގެ ކޮމްޕިއުޓަރުތަކާއި އަމިއްލަ ރެކޯޑުތައް ވަނީ އިނގިރޭސި ރެވެނިއު އެންޑް ކަސްޓަމްސްގެ އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބީބީސީން ރިޕޯޓު ކުރާ ގޮތުގައި މުރޭ ވަނީ ޖުމުލަ 1.1 މިލިއަން ޕައުންޑުގެ ޓެކްސް ނުދައްކައި، މަކަރު ހަދާފައެވެ. ތަހުގީގުތައް މިހާރު ފަށާފައިވާއިރު ދެމަފިރިން ވަނީ ތަހުގީގަށް ބަޔާން ނެގުމަށްފަހު ދޫކޮށްލާފައެވެ.

މުރޭ، 34، ބްރައިޓަންއާއި އަލުން ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ބްރައިޓަން ވަނީ މިސީޒަނުގައި ޕްރިމިއާ ލީގަށް ކޮލިފައިވި ތިން ޓީމުގެ ތެރޭގައި ހިމެނިފައެވެ. މިވަގުތު ލީގު ތާވަލުގެ 16 ވަނައިގައި އޮތް ބްރައިޓަންއަށް މިސީޒަނުގައި އެންމެ ގިނަ ގޯލު ޖަހައި ދިނީވެސް މުރޭއެވެ.