Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ޕްރޮފެސަރު އުގައިލް ސީޕީ އާ ބައްދަލުކޮށްފި

އިނގިރޭސިވިލާތުގައި ދިިރިއުޅުއްވާ ސ. ހިތަދު އަށް ނިސްބަތްވާ ޕްރޮފެސަރު ޙަސަން އުގައިލް އާއި ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ޢަބްދުﷲ ރިޔާޒް ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައި އޮތް މި ބައްދަލު ވުމުގައި ޕްރޮފެސަރު ޙަސަން އުގައިލް ދެއްކެވި ވާހަކަފުޅުގައި ފޮރެންސިކްސް އާއި ޓެކްނޮލޮޖީގެ ދާއިރާ އިން ޓްރޭނިން އަދި ރިސާޗް ހެދުމަށާއި ފުލުހުންގެ ތެރޭގައި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ޤާއިމު ކުރުމަށް އެހީތެރި ވެދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޒުވާނުންނަށް ހިންގިދާނެ ތަފާތު ބިނާ ކުރަނިވި ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ހިއްސާ ކުރައްވައި މިފަދަ ޙަރަކާތަކަށް އެހީތެރިކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނަރު ދެއްކެވި ވާހަކަ ފުޅުގައި ފުލުހުންގެ ފޮރެންސިކްސް އާއި ޓެކްނޮލޮޖީގެ އޮޑިޓެއްކޮށް ދެއްވުމަށް އެދިވަޑައި ގެންނެވި އެވެ. މިފަދަ އޮޑިޓެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރަށް ވުރެ އެ މަސައްކަތް ފުޅާކޮށް ތަރައްޤީ ކުރުން ކަމަށާއި އެ މަސައްކަތް ކުރުމުގައި ފުލުހުންގެ މުއައްސަސާ އިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަ އެއާ އެކު މިފަދަ ކަންކަމުގައި ޕްރޮފެސަރު ޙަސަން އުގައިލް ފަދަ ފުންނާބު އުސް ބޭފުޅަކު އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ ޝުކުރު އަދާ ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ފެނިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި އިންސްޓިޓިއުޓް ފޮރް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް (އައިލްސް) ގެ އެގްޒެކެޓިވް ޑައިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައިވެރިވެ ވަޑައިގެންނެވި އެވެ.