ކުޑަ ދުވަސްކޮޅެއް ވަންދެން އިސްލާހީ މަސައްކަތް މަޑު ޖައްސާލަން ޖެހުނު ނަމަވެސް މިއަދު އަނެއްކާ ވެސް އެމަސައްކަތް ފެށިގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު މިނިވަން ކުރެއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ޝަރުތުތަކަކާ އެކު މިއަދު ފާރިސް ދޫކޮށްލުމުން ކޯޓު ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި އަލި އަޅުވާލާފައި ވަނީ ފައްޓަވާފައިވާ އިސްލާހީ މަސައްކަތަށެވެ. ފާރިސް ވިދާޅުވެފައިވަނީ އުޖާލާ މަންޒަރުތަކެއް ފެނިވަޑައިގަންނަވާ ކަމަށާއި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
ބަޔަކު ކިތަންމެ ބޭނުންވިޔަސް، ހުރިހާ ކަމެއް އެބަޔަކު ބޭނުން ގޮތަކަށް ކުރުމަށް މިގައުމުގެ ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށާއި އެކަން މިއަދުވެސް އެނިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފާރިސް ވަނީ ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. ޝެއިޚް އިމްރާނާއި ކާނަލް ނާޒިމް އަދި މިހާރު ބޭރުގައި ތިއްބެވި އެމްޑީޕީގެ ރައީސް ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް މިނިވަން ކޮށްދެއްވުމަށް ފާރިސް ވަނީ ގޮވާލާފައެވެ.
Sharuthu thakaai eku Rayyithun Majilis ge Dhiggaru Dhaairage Member @afarismaumoon bandhun dhookohlun pic.twitter.com/MaPpXthD4v
— MDP Secretariat (@MDPSecretariat) January 25, 2018
ހަމަސް ދުވަސް ވަންދެން ޖަލު ބަންދުގައި ހުންނެވުމަށްފަހު މިއަދު މިނިވަން ކުރެވުނު ފާރިސް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރި އިރު ފުލުހުން ވަނީ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ޝަރީއަތުގައި އެ ހެކި ހުށައަޅާފައި ނުވާ ކަމަށް ފާރިސްގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
ފާރިސް ވަނީ އޭނާއާ ދެކޮޅަށް ކުރަމުންދާ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ގޮވާލާފައެވެ. ބަންދުން މިނިވަން ކުރުމަށްފަހު ކޯޓުން ވަނީ ހެއްކަށް ނުފޫޒު ނުފޯރުވުމާއި ހުއްދައާ ނުލާ މާލެއިން ބޭރަށް ނުދިއުމަށާއި ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތު ކޮށްފައެވެ.