Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ދުވާލަކު ސިނގިރެޓަކުން ވެސް ހިތުގެ ބައްޔާއި ސްޓްރޯކް!

ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ޖެހެނީ އެކަން މަދުކުރުމުގެ ބަދަލުގައި މުޅިން ހުއްޓާލަން ކަމަށް ދިރާސާއަކުން ބުނެފި އެވެ.

ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލް ކޮށްފައި ނުވާ މީހުންނާއި އަޅާބަލާއިރު، ދުވާލަކު އެއް ސިގަރެޓް ވެސް ބޯ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 50 ޕަސަންޓް އިތުރުވާ ކަމަށާއި، ސްޓްރޯކް ޖެހުމުގެ ފުރުސަތު 30 ޕަސަންޓް އިތުރުވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި އެފަދަ ބަލިތަކަށް ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ރައްކާތެރި މިންވަރެއް ނެތް ކަމަށެވެ.

ނަމަވެސް މާހިރުން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދުކުރާ މީހުން، މުސްތަޤްބަލުގައި އެކަންތައް މުޅިން ދޫކޮށްލުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

އާންމުކޮށް ހީކުރެވިފައި އޮންނަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ކެންސަރު ކަމުގައެވެ.
ނަމަވެސް މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން 84 ޕަސަންޓް މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުން ކަމަށެވެ.

ދިރާސާވެރިން ބުނާ ގޮތުގައި އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އިންސައްތަ ކުޑަވަމުން އަންނަ ކަމުގައިވިޔަސް، ދުވާލަކު 1-5 ސިގަރެޓް ބޯ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ.

ބީއެމްޖޭ ގައި ޝާއިރު ކުރެވުނު މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ދުވާލަކު 20 ވަރަކަށް ސިގަރެޓް ބޯ މެދު އުމުރުފުރައިގެ ކޮންމެ 100 މީހެއްގެ ތެރެއިން ހަތް މީހަކަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އެ އަދަދު ދުވާލަކު އެއް ސިގަރެޓަށް މަދުކޮށްފިނަމަ ހާޓް އެޓޭކާއި ސްޓްރޯކް ޖެހޭނެ މީހުންގެ އަދަދު ތިނެކަށް ދަށްވެގެންދާނެ ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތައް ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާއިން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ މުސްތަޤްބަލުގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަކޮށްދޭ ކަމެއް ކަމަށެވެ.