Last Updated: June 28, 10:37
Sunday, June 28, 2026
ދުނިޔެ

އަފްޣާންގެ ހޮޓެލް ހަމަލާގައި 40 މަރު

މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަކޮންޓިނެންޓަލް ހޮޓެލަށް ދިން ބޮމާއި ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި ކަމަށް މިއަދު ޝާއިރު ކުރި ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ހާދިސާގައި އަފްޣާނިސްތާނަށް ނިސްބަތްވާ 25 މީހުންނާއި 15 ބިދޭސީއަކު ވަނީ މަރުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ. އިތުރު 12 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހާދިސާގައި ހަނގުރާމަވެރިން އެ ހޮޓެލްގެ ސެކިއުރިޓީ ފަޅާލައި ހޮޓެލް ތެރެއަށް ވަދެގަތީ ކިހިނެތްކަން އޮފިޝަލުން ދަނީ އަދިވެސް ދިރާސާ ކުރަމުންނެވެ.

12 ގަޑިއިރަށް ކުރިއަށްދިޔަ މި ހަމަލާތަކުގައި ބޮން އަޅައިގެން ތިބި ހަނގުރާމަވެރިން ސަލާމަތުން ތިބި އެއްވެސް ބަޔަކު ވޭތޯ ބެލުމަށް ހޮޓެލްގެ ހުރިހާ ކޮޓަރިއެއް ބަލައި ފާސްކުރަމުންދިޔަ ކަމަށް މަންޒަރު ދުށް މީހުންނާއި ހާދިސާގައި ސަލާމަތްވި މީހުން ވަނީ އޭއެފްޕީ އަށް ދިން އިންޓަވިއުތަކުގައި ބުނެފައެވެ.

އެ ހަމަލާތަކުގައި މަރުވި ބޭރު މީހުންގެ ތެރޭގައި ޔުކްރެއިންގެ ހަތް މީހަކާއި، އެމެރިކާގެ ހަތަރު މީހަކާއި، ވެނެޒުއެލާގެ ދެ މީހަކު އަދި ކަޒަކަސްތާނާއި ޖަރުމަނުގެ ދެ މީހުން ހިމެނެއެވެ.

ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓެލަށް ދިން ހަމަލާ އެމެރިކާއިން ވަރަށް ހަރުކަށިކަމާއި އެކީ ކުށްވެރިކުރާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު ވަނީ ބުނެފައެވެ.