Last Updated: June 28, 10:37
Sunday, June 28, 2026
ރިޕޯޓް

ކާމިޔާބު މީހުން އެހެން މީހުންނާ ތަފާތު ވެދާނެތަ؟

1. ހެނދުނު އަވަހަށް ހޭލުން

ހެނދުނު އަވަހަށް ހޭލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އަވަހަށް ހޭލާން އާދަކޮށްފިނަމަ، މުޅި ދުވަހުގެ އުފެއްދުންތެރިކަން އިތުރުވެގެންދާކަން ފާހަގަވާނެ އެވެ. ދުނިޔޭގެ އެންމެ ކާމިޔާބު އަދި މުއްސަނދި މީހުންނަކީ އަވަހަށް ހޭލުމަށްފަހު، އެކިއެކި މައްސަލަތަކާމެދު ވިސްނާ އެކަންކަމަށް ހައްލު ހޯދުމުގެ އިތުރުން މެޑިޓޭޓްކޮށް އާއިލާއާއެކު ވަގުތު ހޭދަކުރާ މީހުންނެވެ.

2. ޤަވާއިދުން ކަސްރަތު ކުރުން

ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ކަސްރަތު ކުރުމަކީ ސިކުނޑި ހަމައަކަށް އަޅައި، މީހާގެ ނަފްސާނީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ ކަމެކެވެ. އެގޮތުން ކަސްރަތު ކުރުމުގެ ސަބަބުން ސްޓްރެސް ލެވެލްތައް ކޮންޓްރޯލް ކޮށްދޭ އެންޑޯފިންސް ހަށިގަނޑުގެ ތެރެއަށް ރިލީޒްވެއެވެ. މީގެ އިތުރުން އުފާވެރިކަން އިތުރުކޮށްދީ ގިނައިރު ވަރުބަލިނުވެ މަސައްކަތް ކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމުގައިވާ ޑޮޕެމައިން ވެސް ކަސްރަތުގެ ސަބަބުން ރިލީޒްވެގެން ދެއެވެ.

3. ފޮތް ކިޔުން

މިއީ ވެސް ކާމިޔާބު މީހުން ގެންގުޅޭ ވަރަށް ރަނގަޅު އާދައެކެވެ. ކިތަންމެ ބިޒީވިޔަސް، ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް ފޮތެއް ކަހަލަ އެއްޗެއް ކިޔާލުމަށް ހޭދަކުރަން ޖެހޭނެއެވެ. އޭގެ ސަބަބުން އެކިއެކި ކަންކަމާއި ބެހޭ ޢިލްމު އިތުރުވެ، އެހެން މީހުންގެ ކުށްތަކުން ފިލާވަޅުތައް ދަސްވެ، އެހެން މީހުން ވެސް ކާމިޔާބު ހޯދުމަށްޓަކައި ކުރާ ކަންތައްތައް ދަސްވާނެ އެވެ. އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމުގައިވާ ބިލް ގޭޓްސް އަކީ ކޮންމެ ރެއަކު ނިދުމުގެ ކުރިން އެއް ގަޑިއިރަށް ފޮތް ކިޔާ މީހެކެވެ.

4. މުހިންމު ކަންތައްތަކުގެ ލިސްޓެއް ހެދުން

މަސައްކަތަށް އަހައްމިއްޔަތުކަން ދިނުމުގެ އިތުރުން ދުވަސް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ރޭވުމަކީ ކާމިޔާބު މީހުންގެ އާދައެކެވެ. އެގޮތުން އެދުވަހަކު ކުރަންޖެހޭ ހުރިހާ މުހިންމު ކަންތައްތަކެއްގެ ލިސްޓެއް ތައްޔާރު ކުރުމަކީ ރަނގަޅު އިންތިޒާމެއްގެ މަތިން ދުވަސް ކުރިއަށް ގެންގޮސް ވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

5. ކާމިޔާބު އެހެން މީހުންނާއެކީ ވަގުތު ހޭދަކުރުން

ކޮންމެ ދުވަހަކު އަވަހަށް ހޭލައިގެން ދުވަހުގެ މަސައްކަތްތައް އެންމެ ރަނގަޅު ގޮތުގައި ކުރުމަށްޓަކައި، ކޮންމެ މީހަކަށްވެސް ހިތްވަރާއި އެއްބާރުލުން ބޭނުންވާނެ އެވެ. އެގޮތުން އެ ހިތްވަރު ހޯދުމުގެ އެންމެ މޮޅު އެއް ގޮތަކީ މަސައްކަތުގެ މައިދާނުގައި ކާމިޔާބު މީހުންނާއި އެކު ގުޅުން ބަދަހިކޮށް، އެމީހުންނާއި އެކީ ވަގުތު ހޭދަކޮށް، އެމީހުން މަސައްކަތް ކޮށް އުޅޭ ގޮތްތަކާއި ބެހޭގޮތުން ސުވާލުކޮށް ހޯދާ ބެލުމެވެ.

6. ބުއްދިވެރިކޮށް ފައިސާ ގެންގުޅުން

އެންމެ ބުއްދިވެރި އެއް އާދައަކީ ވީހާވެސް ރަނގަޅަށް ފައިސާ އާއި މުދާ ގެންގުޅުމެވެ. ވޮރެން ބުފޭ ފަދަ މަޝްހޫރު ބިލިއަނަރުން އަބަދުވެސް ލަފާދެނީ އެއް ކަމަކަށް ބަރޯސާނުވެ، އެކިއެކި ގޮތްގޮތުން ފައިސާ ހޯދުމަށް މަސައްކަތްކޮށް، އެ ހުރިހާ ފައިސާއެއް އެކިއެކި ބައިބަޔަށް ބަހާފައި ބެހެއްޓުމަށެވެ. އެއިރުން ކުއްލި ޙާލަތެއް މެދުވެރިވެއްޖެ ނަމަވެސް، ދިރިއުޅުމަށް ބުރޫނާރާނެހެން އެކަމަކަށް ޚަރަދު ކުރާނެ ފައިސާ ރައްކާކުރެވިފައި ހުންނާނެއެވެ.

7. ރަނގަޅު ގޮތުގައި ވަގުތުގެ ބޭނުން ހިފުން

ގިނަ ކާމިޔާބު މީހުން ބުނާގޮތުގައި 'ވަގުތަކީ ފައިސާ' އެވެ. އެމީހުންނަކީ އުފެއްދުންތެރިކަން އިތުރުވާ ކަންތައްތަކަށް ވަގުތު ހޭދަކުރާ މީހުންނެވެ. ދުވާލު ހަތަރުދަމު ޓީވީ ސީރީސްތައް ބެލުމާއި ސޯޝަލް މީޑިއާގައި އެތައް ގަޑިއިރެއް ހޭދަކުރުމުގެ ބަދަލުގައި ކާމިޔާބު މީހުންނަކީ އެމީހުންގެ ހުރިހާ ވަގުތެއްވެސް އަމިއްލަ ނަފްސު އިތުރަށް ރަނގަޅުކޮށް، ކާމިޔާބު ކުރުމަށް ހޭދަކުރާ މީހުންނެވެ.