މުމްބާއީގެ ޕަރޭލް އަވަށުގެ ބާއި ޖަރްބާއި ވާޑިއާ ހޮސްޕިޓަލްގެ ޑޮކްޓަރުން ހަތް މަހުގެ ކުޑަ އަންހެން ކުއްޖެއްގެ ފުއްޕާމެއިން އެލްއީޑީ ބޮއްކެއް ނަގައިފި އެވެ.
އެނގިފައިވާ ގޮތުގައި ބޮޑުމިނުގައި ދެ ސެންޓިމީޓަރު ހުރި އެ ބޮކި އެކުއްޖާ ދިރުވާފައި ވަނީ ކުޅޭކުޅޭ މޮބައިލް ފޯނަކާއެކު ކުޅެން އުޅުމުގެ ތެރޭގައެވެ.
އުމުރުން ހަތް މަހުގެ އާރިބާ ޚާންގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މާބޮޑަށް ހުން އައިސް ކެއްސާތީ އެވެ. ރަތްނާގިރީ އަށް ނިސްބަތްވާ އެ އާއިލާއިން އާރިބާ ޑޮކްޓަރުންނަށް ދެއްކުމުން ވެގެން އުޅޭގޮތް ސާފު ނުވިއެވެ.
ހަފްތާއެއް ވީއިރުވެސް އާރިބާގެ ކެއްސުމާއި ހުން ރަނގަޅު ނުވިއެވެ. އޭނާގެ ޙާލަތު އިތުރަށް ގޯސްވާން ފެށުމުން އާރިބާގެ މައިންބަފައިން އޭނާ ވާޑިއާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރުވި ކަމަށް އެ ހޮސްޕިޓަލުގެ އީއެންޓީ ޑިޕާޓްމެންޓްގެ އިސްވެރިޔާ ޑރ. ދިވްޔާ ޕްރަބާތު ބުނެއެވެ. އެ ހޮސްޕިޓަލުން އާރިބާގެ އެކްސްރޭ އެއް ނެގުމުން އެނގުނީ އޭނާގެ ކަނާތު ފުއްޕާމޭގައި ކޮންމެވެސް އެއްޗެއް ހަރުލާފައި ހުރި ކަމަށެވެ. އިންފެކްޝަން ކޮންޓްރޯލް ކުރުމަށްޓަކައި އާރިބާ އަށް އެންޓިބައޮޓިކްސް ދޭން ފެށިއެވެ.
އިންފެކްޝަން ކޮންޓްރޯލް ވުމަށްފަހު ބްރޮންކޮސްކޮޕީއެއް ހަދައި އާރިބާގެ ފުއްޕާމެއިން ދެ ސެންޓިމީޓަރުގެ އެލްއީޑީ ބޮއްކެއް ނެގިއެވެ.