Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

ބީއެމްއެލްގެ ބްރާންޗެއް ރާއްޖޭން ބޭރުގައި ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ރާއްޖެއިން ބޭރުގައި ހުޅުވަން ނިންމާފައިވާކަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

މިއަދު މެންދުރު މީޑިއާތަކަށް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިއަހަރުގެ ތެރޭގައި ބީއެމްއެލްގެ ބްރާންޗެއް ރާއްޖެއިން ބޭރުގައި ހުޅުވައި ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ބްރާންޗް ހުޅުވާނީ އޭޝިއާގެ ޤައުމެއްގައި ކަމަށެވެ.

ނަމަވެސް އެއީ ކޮން ޤައުމެއް ކަމެއް ހީލީ ހާމައެއް ނުކުރެ އެވެ.

ހީލީ އާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި ބީއެމްއެލްގެ ޚިދުމަތް ރާއްޖެއިން ބޭރަށް ފުޅާކުރުމަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް އިތުރު އާމްދަނީ ލިބިގެންދާނެ ކަމެއް ކަމަށާއި، މިހާރު ބީއެމްއެލް އިން މަސައްކަތް ކުރަމުން ދަނީ އޭޝިއާގެ ޤައުމެއްގައި ބީއެމްއެލްގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ބޭންކިން ލައިސެންސް އަށް އެދި ހުށަހެޅުމަށް ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ބޭރު ޤައުމްތަކުގައި ވިޔަފާރިތައް ކޮށްފައި ވީނަމަވެސް، މި ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރާއްޖެއިން ބޭރުގައި ވިޔަފާރިއެއް ނުކުރެއެވެ.

އެހެންކަމުން ބީއެމްއެލްގެ ބްރާންޗެއް ރާއްޖެއިން ބޭރު ޤައުމެއްގައި ހުޅުވުން ވެގެންދާނީ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފަހަކަށް އައިސް ބޭރު ޤައުމެއްގައި ކުރާ އެންމެ މުހިންމު ވިޔަފާރިއަށެވެ.