ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ކުވޭތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހެނދުނު އެޤައުމަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެ ކަނބަލުންނަށް ކުވޭތުގެ އަމީރީ އެއާޕޯޓުން ވަރަށް ހޫނު މަރްޙަބާއެއް ދެންނެވި އެވެ. ރައީސްގެ ދެ ކަނބަލުން މަތިންދާބޯޓުން ފައިބާވަޑައިގަތުމާ އެކު އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ކުވޭތުގެ އަމީރު ޝެއިޚް ޞަބާޙް އަލް އަޙްމަދު އަލްޖާބިރް އައްޞަބާޙާއި، ކުވޭތުގެ ވަލީޢަހުދު ނަވާފް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙާއި، ކުވޭތު ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުންނެވެ.
އެ އަށް ފަހު ވައިގެ ބަނދަރުގައި ރައީސް އާއި ކުވޭތުގެ އަމީރު ޑަޔަސް އަށް އަރާވަޑައިގަތުމާއެ ކު، ދިވެހި ރާއްޖެ އާއި ކުވޭތާ ދެ ޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި، ރައީސްގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެ މަނިކުފާނު ބައްލަވައި ފާސްކޮށް ދެއްވި އެވެ.
ރައީސްގެ މިދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތައް މިރޭ އޮންނާނެ އެވެ. އޭގެ ކުރިން އެ މަނިކުފާނު ކުވޭތުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުވޭތުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ ޝަރަފުގައި ކުވޭތުގެ އަމީރު ދެއްވާ ރަސްމީ ޖާފަތެއް ވެސް މިރޭ އޮންނާނެ އެވެ.