ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހޫނު ރައްދެއް ދެއްވައިފިއެވެ.
އިބޫއާއި މައުމޫން ރޭގެ ޖަލްސާގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގެ ކުރިން "ވައްޓާލުމަށް" ދޭހަވާ ގޮތަށް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ބަޔަކު ބޭނުންހާ ގޮތަކަށް ގައުމުގެ މަސްރަހު ކިލަނބު ކޮށްލަން ޖާގައެއް ނުދޭނެ ކަމަށެވެ.
އަދި ގާނޫނުން ބޭރުން ގާނޫނީ ސަރުކާރު ވައްޓާލައި، ބަޣާވާތް ކުރުމަށް ދިވެހި ސިފައިންނާއި ފުލުހުން ޖާގައެއް ނުދޭނެ ކަމުގެ ޔަގީންކަން އާދަމް ޝަރީފު ވަނީ އަރުވާފައެވެ.
"ބޭނުންހާ ގޮތަކަށް ރާއްޖޭގެ މަސްރަހު ކިލަނބު ކުރާކަށް ފުރުސަތެއް ނުދޭނަން. އަދި ރާއްޖޭގައި އޮތް ސުލްހަ މަސްލަހަތު ނަގާލަން އުޅޭ އެއްވެސް ބަޔަކަށް އެ ފުރުސަތު ނުދޭނަން،"
މައުމޫން ވަނީ ރޭގެ ޖަލްސާގައި އިންތިޚާބު ބާއްވަފާނެ ކަމަށް ބަލައިގެން ނުތިބުމަށް ގޮވާލާފައެވެ. މިހާރުވެސް ގައުމު އިސްލާހު ކުރަން ޖެހޭ ކަމަށާއި އަންނަން އޮތް އިންތިޚާބަކަށް ބަލަ ބަލާ ނުތިބެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެ އިންތިޚާބު ނުބޭއްވިވެސް ހިނގައިދާނެ ކަމަށާއި އެހެންކަމުން މިއަދު ދިވެހި ރައްޔިތުންނަށް މަޑުކޮށްގެން ތިބެވޭކަށް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.
"ކީއްކުރަންތޯ މަޑުކުރަންވީ؟ އަދި ތި ބުނާ އިންތިޚާބަކީ ބޭއްވޭނެ އިންތިޚާބެއް ކަމެއް ވެސް ނޭނގޭ. އަދި އިންތިޚާބު ބޭއްވިޔަސް ކިހިނެއް ކަމެއް ނަތީޖާ ދާނީކީ ނޭނގޭ. ކޮން ކަހަލަ ކަމެއް ކަމަށް އޭގެ ތެރޭގައި ހިމެނިގެންދާނީކީ ނޭނގޭ. އެހެންވީމާ އިންތިޚާބެކޭ ކިޔާނެ ކަމެއް ނެތް،" ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ މިވާހަކަފުޅަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ނުރުހުން ފާޅުކުރައްވައި، ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ގާނޫނީ ސަރުކާރެއް ވައްޓާލަން ދެކެވޭ ވާހަކަތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކު ކުރެއްވި ޓުވީޓެއްގައި ވަނީ ވެރިކަން ވައްޓާލުމުގެ ފަންވަރު ހުރި އެކަކުވެސް އިއްތިހާދުގައި ނެތް ކަމަށް ވިދާޅުވެފައެވެ.