ސްޕެނިޝް ކޮޕަ ޑެލްރޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އެސްޕަންޔޮލްއާ ވާދަކޮށް ބާސެލޯނާ 0-2 އިން ބާސާ މޮޅުވެއްޖެއެވެ. ފުރަތަމަ ލެގު 0-1 އިން ބާސާ ބަލިވި ނަމަވެސް ރޭގެ މެޗު ކާމިޔާބުކޮށް، އެގުރިގޭޓު 1-2 އިން މޮޅުވެ ބާސާ ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ޖެނުއަރީ ޓްރާންސްފާގައި 142 މިލިއަން ޕައުންޑަށް ލިވަޕޫލުން ގެނައި ފިލިޕް ކުޓީނިއޯ ވަނީ ރޭގައި ކުޅެފައެވެ. ބާސާ ޖާޒީގައި ކުޓީނިއޯ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުޅެފައިވަނީ އެންމެ 22 މިނެޓެވެ.
ނަމަވެސް ކުޓީނިއޯ އެރިއިރުވެސް ބާސާ އޮތީ މެސީއާއި ސުއަރޭޒްގެ ދެގޯލުން 0-2 އިން ލީޑުގައެވެ. ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ސުއަރޭޒް ގޯލު ޖަހައި ލީޑު ނަގާފައި ވަނިކޮށް މެސީ ލީޑު ފުޅާކުރީ 25 ވަނަ މިނެޓުގައެވެ.
މެޗުގައި އިތުރު ގޯލެއް ނުފެނި ނިމުނަސް ބާސާ ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ރެއާލާއި ލެގަނެސް ބައްދަލުކުރި މެޗު އެއްވަރުވެ، އެވޭ ގޯލުން ލެގަނެސް ވަނީ ސެމީއަށް ދަތުރުކޮށް، ރެއާލް ކަޓުވާލާފައެވެ.