އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ޔިއޮވިލް ޓައުން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑަށް އަލަށް ސޮއިކުރި އެލެކްސިސް ސަންޗޭޒްގެ ފުރަތަމަ މެޗުގައި ރޭ އޭނާގެ ފަރާތުން މުހިންމު ރޯލެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި ރަޝްފޯޑް ޖެހި ގޯލަކީވެސް ސަންޗޭޒް ދިން ބޯޅައެއްގެ ބޭނުން ހިފައިގެން ކާމިޔާބުކުރި ގޯލެކެވެ.
އަދި ދެވަނަ ހާފުގައި ހެރޭރާ ކާމިޔާބުކުރި ގޯލުވެސް އެސިސްޓުކުރީ ސަންޗޭޒްއެވެ. ޔުނައިޓެޑުގެ ފަހު ދެ ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު މިނެޓުކޮޅު ތެރޭގައެވެ. 89 ވަނަ މިނެޓުގައި ލިންގާޑު ގޯލު ޖަހާފައިވާއިރު 90 ވަނަ މިނެޓުގައި ނަތީޖާ 0-4 އަށް ހަދާދިނީ ލުކާކޫއެވެ. ދެކުޅުންތެރިންވެސް ރޭގެ މެޗަށް ނިކުތީ ދެވަނަ ހާފުގައި ބެންޗުންނެވެ.
މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ވަނީ ސަންޗޭޒްގެ ކުޅުމަށް ތައުރީފު ކޮށްފައެވެ. މޮރީނިއޯ ބުނެފައިވަނީ ސަންޗޭޒް އަދި ޔުނައިޓެޑު ޓީމުގައި ހޭދަކޮށްފައިވަނީ މަދު ވަގުތުކޮޅެއް ކަމަށާއި އޭނާއަށް ރަނގަޅަށް ޓީމަށް ހޭނެން ވަގުތު ބޭނުންވާ ކަމަށެވެ. އަދި ސަންޗޭޒަކީ ކުޅެން ބޭނުންވާ ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް ފުރުސަތު ލިބޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.