Last Updated: June 13, 13:15
Saturday, June 13, 2026
ޚަބަރު

ހިރަފުސް ނުހުންނަ ތަނެއްގައި އަދީބު ބަހައްޓަން ޑޮކްޓަރުން ލަފާ ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ފޮޓޯ - ރާއްޖެ އެމްވީ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން އެމަނިކުފާނު ބަންދުކުރެވިފައިވާ ގޮޅިއަކީ ހިރަފުހުން ރައްކާތެރިވެފައިވާ ތަނަކަށް ހެދުމަށް ޑޮކްޓަރުން ލަފާ އަރުވައިފިއެވެ.

އަދީބުގެ ޑޮކްޓަރުން ވަނީ ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޯމާ އަދީބަށް ޖެހިފައިވާ ކަމަށާއި އެބައްޔަށް އެކަށީގެންވާ ބޭސް ފަރުވާ ކުރުމަށް އަންގާފައެވެ. އަދި އަދީބުގެ އާއިލާއިން ވަނީ އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށް ތަކުރާރުކޮށް ސަރުކާރުގައި އެދިފައެވެ.

އާއިލާގެ އެދުންތަކަށް ސަރުކާރުން އަދިވެސް އިޖާބަ ދީފައިނުވާއިރު މިއީ އަދީބު ބައްލަވާ ޑޮކްޓަރުން އޭނާ ބަންދުކޮށްފައިވާ ގޮޅި ބަދަލުކުރުމަށް ލަފާ އެރުވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައިވެސް އެފަދަ ލަފައެއް ކަރެކްޝަންސްއަށް ވަނީ އަރުވާފައެވެ.

އަދީބުގެ އާއިލާއިން ވަނީ އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އެކަށީގެންވާ ފަރުވާ ލިބުމުގެ ހައްގުން މަހްރޫމު ނުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން އަދީބުގެ ބޭސްފަރުވާއާ ގުޅޭގޮތުން ޒިންމާދާރު ޖަވާބުދާރީއެއްވެސް މިހާތަނަށް ވެފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

އަދީބަކީ ދައުލަތުގެ އެތައް ބައިވަރު ފައިސާއަކުން ޚިޔާނާތްތެރިވެފައިވާ ބޭފުޅެއް ކަމަށާއި ބޭރަށް ދެވޭނީ އެފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާއިރު ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ އަދީބު ބޭރަށް ނުފޮނުވަނީ ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެފައެވެ.