Last Updated: June 13, 13:15
Saturday, June 13, 2026
ޚަބަރު

އެމެރިކާގެ ޖިމްނާސްޓިކް ބޯޑް އިސްތިއުފާ ދެނީ

އެމެރިކާގެ ޖިމްނާސްޓިކް ޓީމުގެ ކުރީގެ ޑޮކްޓަރު ލެރީ ނަސާރް، އޭނާގެ އަމަލުތަކުގެ ސަބަބުން ބޯޑު އެއްކޮށް އިސްތިއުފާ ދިނުމަށް ވަނީ އަންގާފައި--

އެމެރިކާގެ އޮލިމްޕިކް ކޮމިޓީގައި ހިމެނޭ ޖިމްނާސްޓިކް ބޯޑުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭން ނިންމައިފި އެވެ.

ޖުމްލަ 18 މެމްބަރުން ހިމެނޭ މިބޯޑުގެ ހުރިހާ މެމްބަރުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިސްތިއުފާ ނުދީފި ނަމަ މަގާމުން ދުރުކުރެވޭނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އަންގައިފަ އެވެ.

އެމެރިކާގެ ޖިމްނާސްޓިކް ޓީމުގެ ޑޮކްޓަރު، ލެރީ ނަސާރް އަންހެން އެތްލީޓުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށަށް އިއުތިރާފުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިރު އެމައްސަލައާ ގުޅިގެން ޖިމްނާސްޓިކް ބޯޑުގެ އިސްތިއުފާ އަށް އެތައް ބަޔަކު ވަނީ ގޮވައިފަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ބޯޑުގެ ފަސް މެމްބަރަކު އަމިއްލަ އަށް ވަނީ އިސްތިއުފާ ދީފަ އެވެ. އަދި މިޝިގަން ސްޓޭޓް ޔުނިވަސިޓީގެ ބައެއް އޮފިޝަލުންވެސް ވަނީ އިސްތިއުފާ ދީފަ އެވެ.
އެ ޔުނިވަސިޓީ ވެސް ވަނީ މި މައްސަލައިގެ ތެރޭގައި ހިމެނިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޚަބަރު ލިބޭ ގޮތުގައި ޔުނިވަސިޓީގެ ބައެއް އޮފިޝަލުންނަށް ވަނީ ނަސާރްގެ އަމަލުތައް އެނގިހުރެ އެކަން ރިޕޯޓް ނުކޮށް ދޫކޮށްލައި ފައެވެ.

ކޯޓުގައި ލެރީ ނަސާރް އަންހެން އެތްލީޓުންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވެފައިވާ އިރު އޭނާއާ ދެކޮޅަށް 160 އަންހެނުން ވަނީ ހެކިބަސް ދީފަ އެވެ. އޭނާ އަށް ހުކުމް އިއްވި ފަނޑިޔާރު ވަނީ އެފަދަ ނުލަފާ މީހަކަށް ޖަލު ހުކުމް އިއްވާ މީހާއަށް ވާތީ ފަޚުރުވެރިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާއަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށާއި އެންމެ ދުވަހަކު ވެސް މުޖުތަމަ އަށް ދޫކޮށްލެވޭ ވަރުގެ މީހެއް ނޫން ކަމަށް ބުނެފައެވެ.

ފަނޑިޔާރު ވަނީ ނަސާރަށް 40-175 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.