Last Updated: June 13, 11:33
Saturday, June 13, 2026
ޚަބަރު

ފާރިސް ހައްޔަރު ކުރަން ރައީސް އެންގެވި: ތަރުޖަމާނު

ނޫސްވެރިންނާއި ބައްދަލުކޮށް މުއާޒް ވާހަކަދައްކަނީ: ފޮޓޯ - ސަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މުއާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލް ޖުމުހޫރިއްޔާ އަކީ ގާނޫނު ތަންފީޒު ކުރުމުގެ އެންމެ މަތީ ފަރާތްކަމުގަ ވީހިނދު، ފާރިސް ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ރައީސް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މުއާޒްގެ މި ޓުވީޓާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ރައީސް ޔާމީނަށް އަމާޒު ވެފައިވާއިރު ގާނޫނީ ވަކީލުން ވަނީ އެއީ ރައީސުލްޖުމުހޫރިއްޔާ އަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ބުނަމުންނެވެ.

މަޝްހޫރު ގާނޫނީ ވަކީލާ، ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ރައީސުލް ޖުމުހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ފުލުހުންނަށް އެއްވެސް އަމަލެއް ކުރުމަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި މިކަމުންވެސް އިނގެނީ ރައީސް ފުލުހުންނަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވާ މިންވަރު ކަމަށް ހިސާން ވިދާޅުވިއެވެ.