މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ރިލީޒް ކުރުމަށް ތާވަލް ކުރެވި، ތަފާތު އެކި ސަބަބުތަކާހުރެ ލަސްކުރެވި އެންމެ ފަހުން މި މަހުގެ 25 ގައި ރިލީޒް ކުރި، ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދުމާވަތު" އަށް ދެ ދުވަހުގެ ތެރޭގައި 31 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.
މި ފިލްމަށް މިހާބޮޑު ތަރުހީބެއް ލިބުނު ސަބަބުތަކުގެ ތެރޭގައި އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް ރިލީޒްކުރުން ވެސް ހިމެނެއެވެ. ފިލްމް ރިލީޒްކުރި ފުރަތަ ދުވަހު އެކަނިވެސް 17.75 ކްރޯޑް ރުޕީސް ލިބުނެއެވެ. މީގެ އިތުރުން ޖެނުއަރީ 24 ގެ ރޭ ފިލްމްގެ ޚާއްސަ ޕްރިމިއާ ޝޯތަކެއް ދައްކާފައިވާއިރު، އެ ޝޯތަކުން ވެސް ފިލްމަށް ވަނީ 4.25 ކްރޯޑް ލިބިފައެވެ. މި ފިލްމަށް ވަނީ މިހާތަނަށް ޖުމްލަ 53.50 ކްރޯޑް ރުޕީސް ލިބިފައެވެ.
"ޕަދުމާވަތު" އަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ މުމްބާއީ އާއި ދެކުނު އިންޑިއާ އާއި ހުޅަނގު ބެންގާލް އިންނެވެ. ދިއްލީ އާއި ޕަންޖާބުގައި ފިލްމަށް ލިބޭ ތަރުހީބު ކުޑައިރު، ގުޖުރާތު ގައި ވެސް ފިލްމާމެދު ނުރުހުން ފާޅުކޮށް ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފިލްމަށް ލިބޭ ތަރުހީވު ވަނީ ކުޑަވެފަ އެވެ.
ލީޑް ރޯލުން ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރަންވީރް ސިންގް އާއި ދީޕިކާ ޕަދުކޯން އާއި ޝާހިދް ކަޕޫރް ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ ތާރީޚަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.