Last Updated: June 28, 09:20
Sunday, June 28, 2026
ދުނިޔެ

ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 37 މީހަކު މަރުވެއްޖެ

ދެކުނު ކޮރެއާގެ ހޮސްޕިޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 37 މީހުން މަރުވެ އިތުރު 130 މީހަކަށް އަނިޔާވެއްޖެ އެވެ.

އެޤައުމުގެ މިރްޔާންގް ސިޓީގެ ސެޖޮންގް ހޮސްޕިޓަލުގައި ހިނގި މި ހާދިސާގައި އަލިފާންގަނޑު ފެތުރެން ފެށީ އެ ހޮސްޕިޓަލުގެ އިމާޖެންސީ ރޫމްއިން ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

އެވަގުތު އެ އިމާރާތުގައި 200 ބަލިމީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް ދެކުނު ކޮރެއާގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސް ވުމާއެކު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ފަޔާފައިޓަރުން ބުނާ ގޮތުގައި އެ ހާދިސާގައި މީހުން މަރުވެފައި ވަނީ މާބޮޑަށް ދުން ފެތުރި، ނޭވާލުމަށް ދަތިވުމުގެ ސަބަބުން ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ނަރުހުންގެ އެސިސްޓެންޓަކު ވެސް ހިމެނެއެވެ.

އެ ހާދިސާގައި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާ ވަނީ މުޅިން އެއްކޮށް ހަލާކުވެފަ އެވެ.