އިންޑިއާގެ ހައިދަރްއާބާދް ގައި އިމާރާތެއްގެ ފަސްވަނަ ބުރިން ވެއްޓި އަންހެނަކު މަރުވެއްޖެ އެވެ.
ލަފާކުރެވޭ ގޮތުގައި އޭނާ އެ އިމާރާތުން ވެއްޓިފައި ވަނީ ގޭގައި ގެންގުޅޭ ކުއްތާއާއެކު ކުޅެނިކޮށެވެ. އެހެންނަމަވެސް ފުލުހުން ބުނާ ގޮތުގައި އޭނާގެ މައިންބަފައިން ޝައްކުކުރާ ގޮތުގައި އޭނާ މަރުވެފައި ވަނީ ކޮންމެވެސް އެހެން ގޮތަކުންނެވެ.
އެމެޒޯންގައި މަސައްކަތް ކުރާ އުމުރުން 24 އަހަރުގެ ލާޑްލީ މުދިރާޖް މަރުވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
އޭނާގެ ފިރިމީހާ ސާއިޕްރަސާދް އާއި ފިރިމީހާގެ ދައްތަ ސުދާ ރާނީ ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި އެރޭ ދަންވަރު ގަޑިން 03:30 ހާއިރު ލާޑްލީ ހުރީ ބެލްކަނީގައި އޭނާ ގެންގުޅޭ ކުއްތާއާއެކު ކުޅެންށެވެ.
އެމީހުން ބުނި ގޮތުގައި ލާޑްލީ ބެލްކަނީގެ ރޭލު މަތީގައި އިށީންދެގެން ހުއްޓާ، އެ ކުއްތާ އޭނާއާއި ދިމާލަށް އައުމުން އޭނާގެ ބެލެންސް ގެއްލިގެން ވެއްޓުނީ ކަމަށެވެ.
އޭނާ މަރުވީ ފަރުވާ ދިނުމަށްޓަކައި ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިއުމަށްފަހު އެވެ. ލާޑްލީގެ މައިންބަފައިން ވަނީ ލާޑްލީގެ މަރުގެ ޒިންމާ އޭނާގެ ފިރިމީހާގެ މައްޗަށް ކޮށްފައެވެ. ލާޑްލީގެ މައިންބަފައިން ޝައްކު ކުރަނީ އެފަދަ ވަގުތެއްގައި އެހާ ފިނީގައި ލާޑްލީ ގޭގެ ޓެރަސް މައްޗަށް ދިޔައީ ކީއްވެގެން ކަމާމެދު އެވެ.
ސާއިޕްރަސާދް އާއި ލާޑްލީ 2015 ވަނަ ކައިވެނި ކޮށްފައި ވަނީ ލާޑްލީގެ މައިންބަފައިންގެ ނުރުހުމުގަ އެވެ. ލާޑްލީގެ މައިންބަފައިން އުފެއްދި ސުވާލުތަކުގެ މައްޗަށް ބިނާކޮށް، އޭނާ މަރު ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.