Last Updated: June 13, 11:33
Saturday, June 13, 2026
ޚަބަރު

ފާރިސް ހައްޔަރު ކުރުމުން އަތުލް ކަންބޮޑުވުން ފާޅުކޮށްފި

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާޓުލް ކެޝަޕް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަތުލް ކެޝަޕް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކެޝަޕް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނުތާ ހަފްތާއެއް ވެފައިނުވާ ގާޒީއަކު ފަތިސް ނުވަނީސް ނެރުނު ކޯޓު އަމުރެއްގެ ދަށުން 191 ދުވަސް ވަންދެން ޖަލުގައި ބަންދުކުރެވުމަށްފަހު މިނިވަން ކުރެވުނުތާ މާގިނަ ދުވަހެއް ވެފައިނުވާ މަޖިލިސް މެމްބަރަކު ހައްޔަރުކުރުމުން މިގައުމުގެ އަދުލު އިންސާފާއި ސިޔާސީ މަސްރަހާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑު ވިދާޅުވާ އެމެރިކާ ސަފީރު ވަނީ އެލްޖީއޭއިން ކައުންސިލަރުންނަށް ބޭރުގެ ސަފީރުންނާއި ޖަމާއަތް ތަކާއި ބައްދަލު ކުރުމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހެދުމުން ވެސް ފާޑު ވިދާޅުވިއެވެ.

ރިޝްވަތުގެ ތުހުމަތެއްގައި ފާރިސް އަނެއްކާވެސް ހައްޔަރުކޮށްފައިވާއިރު ފުލުހުން މީގެ ކުރިން އޭނާ ހައްޔަރުކުރުމަށްފަހު ވެސް އެއްވެސް ހެއްކެއް ހުށައެޅުމެއް ނެތި އަދި ހުކުމެއްވެސް ނުކޮށް، މިނިވަން ކޮށްފައިވަނީ ޝަރުތުތަކެއްގެ މަތިން މިދިޔަ ބުރާސްފަތި ދުވަހުގައެވެ.