Last Updated: June 13, 11:33
Saturday, June 13, 2026
ކުޅިވަރު

ލިވަޕޫލް އެފްއޭ ކަޕުން ކަޓައިފި

ޖެހި ޖެހިގެން ތިންވަނަ ސީޒަނުގައި ލިވަޕޫލް އެފްއޭ ކަޕުގެ ހަތަރަވަނަ ބުރުން ކަޓައިފިއެވެ. ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ލިވަޕޫލް ބަލިވެ ކަޓާފައިވާއިރު މިއީ ސިޓީ ބަލިކުރުމަށްފަހު ލިވަޕޫލް ޖެހި ޖެހިގެން ބަލިވި ދެވަނަ މެޗެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ފިރްމީނޯ ޖެހި ގޯލަކުން ލިވަޕޫލް ލީޑު ނެގި ނަމަވެސް މާ ގިނައިރުތަކެއް ނުވެ ވެސްޓް ބްރޮމްގެ ޖޭ ރޮޑްރިގޭޒް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި ވެސްޓް ބްރޮމްއަށް ލީޑު ނަގާދިނީވެސް ޖޭ ރޮޑްރިގޭޒް 11 ވަނަ މިނެޓުގައި ޖެހި ލަނޑަކުންނެވެ.

އެފްއޭ ކަޕުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިޒާމު ބޭނުން ކުރަމުން އަންނައިރު ރޭގެ މެޗުގައި ވަނީ ވީއޭއާރު ބޭނުންކޮށްގެން މުހިންމު ތިން ނިންމުމެއް ނިންމާފައެވެ. އެގޮތުން ވެސްޓް ބްރޮމް އިން ޖެހި ލަނޑެއް ވީޑިއޯ ރިޕްލޭ ބެލިއިރު އޮފްސައިޑު ވުމުން ރެފްރީ ވަނީ ލަނޑު ކެންސަލް ކޮށްފައެވެ.

އަދި ލިވަޕޫލްގެ ސަލާހް ޕެނަލްޓީ އޭރިޔާ ތެރެއިން ވައްޓާލުމުންވެސް ރެފްރީވަނީ ވީއޭއާރު ބޭނުންކޮށްފައެވެ. އަދި އޭގެއިން ބެލިއިރު ވެސްޓް ބްރޮމް ޑިފެންޑަރަކު ސަލާހު ވައްޓާލުމުން ރެފްރީ ވަނީ ލިވަޕޫލަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ފިރްމީނޯއަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ.

ވެސްޓް ބްރޮމްއިން ޖެހި ތިންވަނަ ލަނޑުވެސް ސައްހަތޯ ބެލުމަށް ވީޑިއޯ ރިޕްލޭ ބަލަން ޖެހުނެވެ. ނަމަވެސް އެލަނޑު ވަދެފައިވަނީ ލިވަޕޫލްގެ ޑިފެންޑަރު މަޓިޕްގެ ގައިގައި ޖެހިފައި ކަމަށް ވުމުން ރެފްރީ ވަނީ ގޯލު ސައްހަ ކަމަށް ނިންމާފައެވެ. ލިވަޕޫލްގެ ފަހު ލަނޑު 78 ވަނަ މިނެޓުގައި ޖަހާފައިވަނީ ސަލާހުއެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުފެނި ލިވަޕޫލްގެ އެފްއޭ ކަޕް ދަތުރު ނިމުމަކަށް އައިސްގެނެވެ.