Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

އުމަރު ދެއްކެވި ވާހަކަތައް އައްޑޫ ގޮފިން ކުށްވެރިކޮށްފި

ޔާމީނާއި އުމަރު މައުމޫނާ އެކު. ފޮޓޯ/ ހަވީރު

ޕީއެމްގެ ކާމިޔާބު ޕުރައިމަރީ ބެއްވިތާ 48 ގަޑިއިރު ނުވަނީސް ޕުރައިމަރީގައި ބަލިވެ ވަޑައިގެންނެވި ކެންޑިޑޭޓް އުމަރު ނަސީރުގެ ޓީމުގެ ފަރާތުން ރޭ ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަތައް ކުށްވެރި ކޮށް ޕީޕީއެމް އަައްޑޫ ގޮފިން ބަޔާނެއް ނެރެފިއެވެ.

ރޭ ޕީޕީއެމް އައްޑޫ ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުމަރު ޓީމުގެ ފަރާތުން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާއަކީ ޕާާޓީގެ މެމްބަރުގެ މެދުގައި ބައިބައިވުން އުފެދި އެއްބައިވަންތަކަމަށް ބުރޫ އަރާފާނެ ޖަލްސާއެއް ކަމަށެވެ.

އަދި މި ޖަލްސާގައި އުމަރު ދެއްކެވި ވާހަކައިގެ ސަބަބުން ޕާޓީގެ މެމްބަރުން މާޔޫސްވެ، ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ކަންތައްތައް ކުރިއަށްދާތީ އެކަން ކަމަށް ހޭލައި ތިބުމަށް ޕީޕީއެމްގެ ކައުންސިލާއި އެހެން ގުނަވަން ތަކުން ތިބުމަށް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ރޭގެ ޖަލްސާގައި އުމަރު ނަސީރު މިގައުމަށް ހުދު އިންގިލާބެއް ގެންނާނެ ކަމަށާއި އަދި ޕީޕީއެމް ތެރެއަށް ވެސް އިންގިލާބު ގެންނާނެ ކަމަށް ވިދާޅުވި ވިދާޅުވުން އެއީ ވަރަށް ބިރުވެރި އަދި އެހެންމެ ނުރައްކާތެރި ކަމެއްކަމަށް އައްޑޫ ސިޓީ ޕީޕީއެމް މެންބަރުން ދެކޭކަމަށެވެ.

އަދި ޕާޓީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ޕްރައިމަރީއަށް ފަހު ވަކިވަކިން އާންމު ބައްދަލުވުން ނުބޭއްވުމަށް އެދިވަޑައިގެންފައި ވަނިކޮށް ޕާޓީގެ ރައީސަށް ގޮންޖައްސަވާ ބޭއްވި ޖަލްސާ އެ ޕާޓީގެ އާންމު މެންބަރުންނާއި ގޮފިތަކުން ބަލައިނުގަންނާނެކަމަށް ވެސް ހިތަދޫ ގޮފިން ބުނެއެވެ.

“މިރޭ އުމަރު ނަސީރު ޓީމުގެ ފަރާތުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން. އަދި އެފާރާތްތަކުގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލާ އެފަރާތް ތަކާއި މެދު ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށް ގޮވާލަން” ކަމުގައި ޕީޕީއެމްގެ ނޫސް ބަޔާނުގައި ވެއެވެ.