އިއްޔެ ހައްޔަރު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ބެލުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، އޭގެ އިންޗާޖަކަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު މުހައްމަދު ހަމަޖައްސައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފާއި ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހިވަޑައިގެން، އިއްޔެ ސީޕީ އަރީފް މަގާމުނު ދުރު ކުރައްވާފައިވާ ކަމަށްވެސް މީޑީޔާގައި ވަނީ ވަރަށް ބޮޑަށް އަޑު ފެތުރިގެން ގޮސްފައެވެ. ނަމަވެސް ފުލުހުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
މީގެ އިތުރުން ފާރިސް ހައްޔަރުކުރުމުގެ ކުރިން ސީދާ ސީޕީ އަރީފާއި އޭނާ ބައްދަލުކުރެއްވި ކަމަށާއި، ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު އަރީފު އެރުވި ކަމަށް ފާރިސް ވަނީ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އެވާހަކަވެސް ފުލުހުން ދޮގު ކޮށްފައިވަނިކޮށް މިއަދު ފާރިސްގެ މައްސަލައިގެ ތަހުގީގީ ޓީމުގެ އިސް ސަފަށް ޑީސީޕީ އަދި އޭސީޕީ އައްޔަން ކުރުމުން އިތުރު ސުވާލުތަކެއް ވަނީ ކުރިމަތިވެފައެވެ.

ފުލުހުންގެ ބަންދުގައި 191 ދުވަހު ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ފާރިސް މިނިވަން ވެފައިވަނިކޮށް އިއްޔެ ފުލުހުން ވަނީ އަނެއްކާވެސް ފާރިސްގެ އެޕާޓްމެންޓު ފާސްކުރުމަށްފަހު އޭނާ ހައްޔަރުކޮށްފައެވެ. ނަމަވެސް ފާރިސްގެ ވަކީލުން ވަނީ މިފަހަރުވެސް ފުލުހުންނަށް އެއެޕާޓްމެންޓް ފާސްކޮށްގެން އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށާއި ހެކީގެ ގޮތުގައި ހުށައަޅާފައިވަނީ މައްސަލަ ހުށައެޅި ފަރާތުގެ ބަޔާން އެކަނި ކަން ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ފާރިސްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ. ނަމަވެސް ދައުލަތުގެ ވަކީލުން މިފަހަރުވެސް އެދިފައިވަނީ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެދިނުމަށެވެ. ކޯޓުން ވަނީ އެއަމުރު ތަންފީޒު ކުރަން ދެކޮޅު ހަދާފައެވެ.