Last Updated: June 28, 09:20
Sunday, June 28, 2026
ދުނިޔެ

ކާބުލް ހަމަލާގައި މަރުވި މީހުންގެ އަދަދު 103 އަށް

ފޮޓޯ: އީޕީއޭ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ގޮވާއެއްޗެހި ހަރުކޮށްފައިހުރި އެމްބިއުލާންސެއް ސަރުކާރުގެ މުވައްޒަފުން ބޭނުންކުރަން ޚާއްސަކޮށްފައި އޮންނަ މަގަކަށް، ފުލުހުންގެ ޗެކްޕޮއިންޓެއް ހުރަސްކޮށް ގެންގޮސްގެންނެވެ.

ތާލިބާނުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ.

މީގެ ހަފްތާއެއް ކުރިން ވެސް ކާބުލްގެ ހޮޓެލަކަށް ދިން ހަމަލާއެއްގައި 22 މީހުން ވަނީ މަރުވެފަ އެވެ.

އަފްޣާންގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ރޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 103 އަށް އަރައި، ޒަޚަމްވި މީހުންގެ އަދަދު 235 އަށް އަރައިފި ކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންޓީރިއާ މިނިސްޓްރީގެ ޑެޕިއުޓީ ތަރުޖަމާނު ނަސްރަތު ރަހިމީ އާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި ހަމަލާދިން މީހާ ފުލުހުންގެ ޗެކްޕޮއިންޓުން ފާސްވީ ކައިރީގައި ހުންނަ ޖަމްހޫރިއަތު ހޮސްޕިޓަލަށް ބަލިމީހަކު ގެންދަނީ ކަމަށް ބުނެއެވެ.

އޭނާ ބޮން ގޮއްވާފައި ވަނީ ފުލުހުންގެ ދެވަނަ ޗެކްޕޮއިންޓެއްގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެ ހަމަލާ އާއި ގުޅިގެން އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ މިއަދަކީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ގޮތުގައި ނިންމާފައެވެ. އެޤައުމުގައި މިއަދު ދަނީ މަރުވި މީހުންގެ ޖަނާޒާތައް ކުރިއަށް ގެންގޮސް، އާއިލާތަކުން ސަލާމަތްވި މީހުން ހޯދުމަށް ހޮސްޕިޓަލްތަކަށް ގޮސް ފާސްކުރަމުންނެވެ.