Last Updated: June 28, 09:20
Sunday, June 28, 2026
ދުނިޔެ

އެމްއާރްއައި މެޝިނެއްގެ ތެރެއަށް ދަމައިގެން މީހަކު މަރުވެއްޖެ

އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގެ އެމްއާރްއައި ކޮޓަރި ތެރެއަށް އޮކްސިޖަން ސިލިންޑަރެއް ހިފައިގެން ދިޔަ މީހަކު، މެޝިނުގެ ތެރެއަށް ދަމައިގެން ދިއުމުގެ ސަބަބުން މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވި އުމުރުން 32 އަހަރުގެ ރާޖޭޝް މާރޫ އެމްއާރްއައި ކޮޓަރި ތެރެއަށް ވަނީ އޭނާގެ އާއިލާގެ މީހެއްގެ ސްކޭން ހެއްދުމަށް، އެމީހާ ބޭނުންކުރާ އޮކްސިޖަން ސިލިންޑަރު ހިފައިގެންނެވެ. އެމްއާރްއައި މެޝިނަކީ ދަގައްޕާނުގެ ބާރު ހުންނަ އެއްޗަކަށްވުމުން، މާރޫ އަތުގައި އޮތް އޮކްސިޖަން ސިލިންޑަރާއެކު އޭނާ މެޝިނުގެ ތެރެއަށް ދަމައިގެން ގޮސް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ވަގުތުން މަރުވި އެވެ.

އާންމުކޮށް ހޮސްޕިޓަލްތަކުގެ އެމްއާރްއައި ހަދާ ކޮޓަރިއަށް ދަގަނޑު އެއްޗެހި ވެއްދުމަކީ މަނާކަމެކެވެ. މާރޫގެ އާއިލާއިން ވަނީ އެ ހާދިސާގައި ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން ހޮސްޕިޓަލުގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެ ހާދިސާގައި މަރުވި މާރޫގެ އާއިލާއަށް ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުޕީސް ދޭނެކަމަށް ޗީފް މިނިސްޓަރު ދެވެންދްރަ ޕަދްނަވިސް ވަނީ އިއުލާންކޮށްފަ އެވެ.

އެ މައްސަލައާއި ގުޅިގެން އެމީހާގެ މަރުގައި އިހުމާލުވުމުގެ ތުހުމަތުގައި ފުލުހުން ވަނީ އުމުރުން 24 އަހަރުގެ ޑރ. ސޯރަބް ލަންޖްރޭކަރް އާއި އުމުރުން 35 އަހަރުގެ ވިއްތަލް ޗަވަން ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.