Last Updated: April 29, 00:08
Sunday, April 28, 2024
ރިޕޯޓް

ނޫރާނީ ސްކޫލް ކާމިޔާބުކަމާ އެކު ކުރިއަށް

ނޫރާނީ ސްކޫލަކީ، 26 ޖުލައި1976 ވަނަ އަހަރު ސ.ހިތަދޫ އެވަރގްރީން އަލްމަރުހޫމު އަލީ ލުތުފީ އުފެއްދެވި ސްކޫލެކެވެ. ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލަކީ އަލްމަރުހޫމު މުހައްމަދު ލުތުފީ އެވެ. މާތްﷲ އެމަރުޙޫމުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން.

1971 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ވުޖޫދަށްއައި މި ސްކޫލް ފެށިގެން އައީ އާދައިގެ ގޮތެއްގައެވެ. ކިޔަވައިދިނުމަށް ބެނުންވާނެ މާގިނަ ވަސީލަތްތަކެއް ނެތިއެވެ. ސްކޫލުގެ ބާނީގެ މަގުސަތަކީ އައްޑޫއަތޮޅަށް ޒަމާނީ ތައުލީމުދޭނެ މަރުކަޒެއް ގާއިމު ކުރުމެވެ.

މި ދެންނެވި ގޮތަށް އުފަންވިސްކޫލަކީ ނޫރާނީ ސްކޫލްއެވެ. “ބާއްޖަވެރިކަމުގެ ބިންގަަލަކީ އިލްމެވެ.” މި މޮޓޯގެ ދަށުންނެވެ. ހިތަދޫގެ ވަރަށްގިނަ ބެލެނިވެރިންގެ ފުރިހަމަ ތާއީދާއެކުއެވެ. ސްކޫލް ވުޖޫދަށް އައުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އައްޑޫ އަތޮޅުގެ އެންމެ ފުރަތަމަ ރަސްމީ ސްކޫލަކަށް އެ ސްކޫލް ވެގެން ދިޔުމުގެ ފަޚުރު އެސްކޫލަށް ލިބިގެންދިޔުމެވެ. ހާއްސަކޮށް ސްކޫލްގެ ބާނީ އަލްމަރުހޫމް އަލީ ލުތުފީ ގެ އަގުނުކުރެވޭ ވަރުގެ ބުރަ މަސައްކަތުންނެވެ. އެދުވަހަށްފަހު ތައުލީމި ގޮތުން އެތައް މަރުހަލާތަކެއް މި ސްކޫލްވަނީ ކަޑައްތުކޮށްފައެވެ. އެތައް ދަތި އުދަގޫތަކެއް ތަޙައްމަލް ކުރަމުންނެވެ. ނަމަވެސް ހިތްވަރާއި ޖޯޝާއެކުގައެވެ.

ސްކޫލް ހިންގުން އެއް ތަނުން އަނެއްތަނަށް ބަދަލުވަމުން ދިޔައެވެ. އެހެނަސް ސްކޫލްގެ ބާނީގެ އަދި ހިތަދޫ ރައޔިތުންގެ އަގުހުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސްކޫލްގެ ފެންވަރާއި ފަންވަރު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ނެވެ. އޭގެ ނަތީޖާވެސް އައީ ފޮނިވަމުންނެވެ. އައްޑޫ ސިޓީގެ ސްކޫލްތަކުގެ ތެރެއިން މިއީ ފާހަގަކޮށްލެވޭ ސްކޫލެކެވެ. އެތައް ގިނަ ގުނަ ސަބަބުތަކަށްޓަކައެވެ. ލިިބިފައިވާ ފަޚުރުވެރި ޝަރަފުތަކެއްގެ ސަބަބުންނެވެ. ފާއިތުވި ސާޅީހަކަށް އަހަރުތެރޭގައި އެ ސްކޫލުން ވަނީ އެތައް ޤާބިލް ހުނަރުވެރި ދަރިންތަކެއް މިދިވެހި މުޖުތަމަޢަށް ނެރެދީފައެވެ. އެފަރާތްތަކުގެ ފައިދާ މުޅި ދިވެހިގައުމަށް ލިބެމުންދަނީ އޭގެ އިންތިހާއަށެވެ.

1976 ވަނައަހަރުން ފެށިގެން 2006 ވަނައަހަރާއި ހަމައަށް މިސްކޫލް ހިގަމުން އައީ އަމިއްލަ ސްކޫލެއްގެ ގޮތުގައެވެ. ސަރުކާރުގެ ސްކޫލެއްގެ ގޮތުގައި ހަމަޖެހުނީ 10ޖޫން 2006 ގައެވެ. ސަރުކާރުގެ ސްކޫލަކަށް ނޫރާނީސްކޫލް ބަދަލު ވުމަށްފަހު 2015 ވަނައަހަރާއި ހަމައަށް މިސްކޫލުގައި ކިޔަވައިދެމުންއައީ ގައުމީ މުގައްރަރާއި އެއްގޮތަށް އިގިރޭސި މީޑިއަމަށެވެ.

އަދުގެ ރައީސުލްޖުމުހޫރިއްޔާ އަބުދުއްﷲޔާމީން އަބުދުއްލް ގައްޔޫމުގެ ރިޔާސީ އިންތިޚާބުގެ ވަޢުދުތަކުގެ ތެރެއިން އެއްވަޢުދަކީ މާލެ ފިޔަވައި ރާއްޖޭގެ ދެކުނާއި އުތުގައި އަރަބި މީޑިއަމަށް ކިޔަވައިދޭނެ ސްކޫލުތައް ގާއިމުކޮށް ދިނުމެވެ. އެވަޢުދު ފުރިހަމަކުރުމުގެ ގޮތުން ދެކުނުގައި އަރަބި މީޑިއަމަށް ކިޔަވައިދޭނެ ސްކޫލެއްގެ ގޮތުގައި ކަޑައެޅި ސްކޫލަކީ ނޫރާނީ ސްކޫލެވެ. 14ސެޕްޓެމްބަރ2014 ދުވަހު އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމުގެ ގަރާރަކުންނެވެ. މިސިޔާސަތުގެ ދަށުން 11ޖެނުއަރީ2015 އިންފެށިގެން ނޫރާނީސްކޫލް ހިގަމުން އަންނަނީ އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައެވެ. ސްކޫލްގައި ކިޔަވައިދެނީ އަޒުހަރުގެ މުގައްރަރަށެވެ. އަލްމަދުރަސަތުލް އަރަބިއްޔާގައި ވެސް ކިޔަވައިދޭ މުގައްރަރެވެ.

އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައި ނޫރާނީސްކޫލް ހިނގަމުންދާނީ ގްރޭޑް 1-12 އަށް ކިޔަވައިދޭނެ މަދުރަސާއެއްގެ ގޮތުގައެވެ. 2017 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެހެން ސްކޫލްތަކާއި އެއްގޮތަށް ޕްރީސްކޫލްގެ ކިޔެވުންވެސް ވަނީފެށިފައެވެ. އެކަމަށް ބޭނުންވާ ހުރިހާކަމެއްވަނީ ފުރިހަމަ ކުރެވިފައެވެ. ޕްރީސްކޫލްގެ ކިޔެވުން ކުރިއަށްދާނީ އެހެން ސްކޫލްތަކާއި އެއްގޮތަށެވެ. ނަމަވެސް ގްރޭޑް 1 – 12 އަށް ކިޔަވައިދޭނީ މިސްރުގެ އަޒުހަރު ޔުނިވާރސިޓީގެ މުގައްރަރަށެވެ. ގްރޭޑް 1 – 12 އަށް ކީރިތި ގްރުއާން މަޖުބޫރު މާއްދާއްއެއްގެ ގޮތުގައި ކިޔަވައިދެވޭނެ އެވެ. ގްރޭޑް 12 ނިމޭއިރު ކީރިތި ގްރުއާނުން 15 ފޮތް ހިތުން ދަސްވާނެއެވެ. ގްރޭޑް 1 – 3 އަށް އިގިރޭސި ، ސައެންސް . ސޯޝަލް، ޕީއޭ ޕީއީ ކިޔަވައިދެވޭނީ ގައުމީ މުގައްރަރަށެވެ. ހިސާބު، އިސްލާމް، އަރަބިބަސް އަރަބި މުގައްރަރަށެވެ. ގްރޭޑް 4 – 12 އަށް އިގިރޭސި އަދި ދިވެހި ފިޔަވައި ހުރިހާ މާއްދާތަކެއް ކިޔަވައިދޭނީ އަރަބި ބަހުންނެވެ. އަރަބިބަހުން ވެސް ކިޔަވައިދެވޭނީ އިގިރޭސިބަހުން ވެސް ކިޔަވާ މާއްދާތަކެވެ. ކިޔަވައިދެވޭ ބަސް ތަފާތީ އެވެ. އަރަބި މީޑިއަމަށް ކިޔަވާދަރިވަރަށް ދިވެހި، އަރަބި، އިގިރޭސިބަސް ރަގަޅަށް އެގޭނެއެވެ.

އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި އަޅުގަޑުމެންގެ ދަރިން ތަރުބިއްޔަތު ވެގެންދާނެކަމީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. އަދިހަމަ މިއާއެކު މިސްކޫލުގައި މީގެ އިތުރުން ކުޅިވަރާއި އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ގްރޭޑް 10 ނިމިގެން ދިވެހި މާއްދާއިން އެސްއެސްސީ އިމްތިހާނު ހަދާނެއެވެ. އަދި އިގިރޭސިބަހުން ކޭމްބްރިޖް އޯލެވެލް އިމްތިހާނު ހަދާނެއެވެ. ގްރޭޑް 12 ނިމިގެން އަޒުހަރު ޔުނިވަރސިޓީ ގެ ސެޓްފިކެޓެއް ލިބޭނެއެވެ. އެއީ ދުނިޔޭގެ އެންމެހައި ތައުލީމީ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެކެވެ. އެއަށްފަހު މަތީތައުލީމު ހާސިލުކުރުމަށް އަރަބި ގައުމުތަކުން ދިވެހިރާއްޖެއަށް ހިލޭލިބޭ ސްކޯލާރޝިޕްތަކުގައި ތަފާތު ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޔާމީނު އަބުދުލްގައްޔޫމުގެ ސަރުކާރުން ނޫރާނީ ސްކޫލް އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ނިމިދިޔަ އަހަރު އައްޑޫސިޓީގެ އެހެން އެއްވެސް ސްކޫލަކަށް ހޭދަކޮށްފައިނުވާ މިންވަރަށް މިސްކޫލަށް ހޭދަކޮށްފައިވެއެވެ. އެގޮތުން ކުރީގެ ކޮމްޕްރެހެންސިވްސްކޫލް ހުރި ބިން ފަޅުތަނެއްގެ ގޮތުގައި އެތައް އަހަރެއް އޮތުމަށްފަހު އެބިމުގައި ދެބުރީގެ 8 ކްލާސްރޫމް އިމާރާތަކާއި އަދި އެތަނަގުގައި ކުރިން ހުރި އިމާރާތާއި ހޯލުވަނީ ރަގަޅުފެންވަރަށް ތައްޔާރުކުރެވިފައެވެ.

އަދި ސްކޫލަށްބޭނުންވާ ހުރިހާ ވަސީލަށްތައް ގާއިމު ކުރެވި މިއަހަރުގެ ކިޔެވުން ވަނީ އެތަނުގައި ފެށިފައެވެ. އަރަބި މާއްދާތައް ކިޔަވައިދިނުމަށް ގާބިލު ހުނަރުވެރި ދިވެހި، ސަޢުދީ، މިސްރުގެ މުދައްރިސުންނާ އެކުއެވެ. އިގިރޭސިބަހާއި ދިވެހިބަހުގެ އިތުރުން ދުނިޔެވީ ތައުލީމު އަރަބިބަހުން އެސްކޫލުގައި ކިޔަވައިދެވޭނެއެވެ. އިސްލާމީ އަޚުލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ޚާއްސަ ސަމާލުކަން ދެވިގެންނެވެ. ކަމަށް ގާބިލު މުދައްރިސުން ބޭނުންކޮށްގެންނެވެ. އަދި މިހާރުވެސް ނޫރާނީ ސްކޫލްގެ ދަރިވަރުންގެ އަޚްލާގް ރަނގަޅު ވުމަކީ ބެލެނިވެރިންނާއި މުދައްރިސުން އެކަމަށްޓަކައި ފަޚުރުވެރިވުން ހައްގު ކަމެކެވެ.

ޝައްކެއްނެތް މިފަދަ ފުރިހަމަ ސްކޫލެއް އަޅުގަޑުނެންނަށް ލިބިގެންމިދިޔައީ ޔާމީނު އަބުދުލް ގައްޔޫމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، މީގެ ތިންއަހަރުކުރިން މިސްކޫލަކީ އަރަބިމީޑިއަމަށް ކިޔަވައިދޭނެ ސްކޫލެއް ގޮތުގައި ހަމަޖެހިގެން ދިއުމުންކަން ކަށަވަރެވެ. ކުރީގެ ގޮތަށް ކިޔަވައިދެމުންއައި ނަމަ އަދިވެސް ތިބޭނީ އެތިބި ތަނުގައެވެ. އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައި މިސްކޫލް ހަމަޖެއްސުމާއި ގުޅިގެން ވަރަށް ގިނަ ގޮންޖެހުން ތަކާ ކުރިމަތިލާން ޖެެހުނުކަމީ ވެސް ހަގީގަތެކެވެ. އަޅުގަޑުމެންގެ ތެރެއިން ބަޔަކު ނުކުމެ ކަޑައެޅިގެން އެކަން ވިޔަނުދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރިކަމީވެސް ހަގީގަތެކެވެ. ނަމަވެސް ކީރިތި ﷲގެ އިރާދަފުޅުން މިއަދު އަޅުގަޑުމެން މިވަނީ އެހުރިހާ ކަމަކުން މިންޖުވެ އަރަބިއިސްލާމީ ތައުލީމު ދަރިންތަކަށް ދިނުމުގެ އޮޑިޔަށް ސަވާރުވެގެން އެމަސައްކަތް ފަށާފައެވެ. މިދަތުރުގައި ރައްޔިތުންގެ އެހިތެރިކަމާއި މަދަދު ނިހާޔަތަށް ބޭނުމެވެ. އިޚުލާސްތެރި ނިޔަތަކާއެކު ކުރާމަސައްކަތަށް ކީރިތި ﷲ ގެ ހަޟުރަތުން ނަސްރާއި ކާމިޔާބު ލިބޭނެކަން ކަށަވަރެވެ.