ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުވޭތުން އެހީތެރިވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ކުވޭތުގެ އަމީރު ޝައިޚް ޞަބާޙް އަލްއަޙްމަދު އަލްޖާބިރް އައްޞަބާޙު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ބާޔާން ގަނޑުވަރުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ރާއްޖެ އާއި ކުވޭތާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް އުޚްވަތްތެރިކަމުގެ ގުޅުން އިތުރަށް ފުޅާ ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމަށް ފަހު ރައީސްގެ ޝަރަފުގައި ކުވޭތުގެ އަމީރު ދެއްވި ރަސްމީ ޖާފަތެއް އޮތެވެ.
ރައީސް، ކުވޭތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ބޮޑު ވަޒީރު ޝައިޚް ޖާބިރު އަލްމުބާރަކް އަލްޙަމަދު އައްޞަބާހާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަލީ ފަހުދު އަލްރާޝިދާވެސް އިއްޔެ ބައްދަލު ކުރެއްވި އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ކުވޭތުގެ "ހައުސް އޮފް ނޭޝަނަލް ވޯކްސް" އަށް އިއްޔެ ޒިޔާރަތް ކުރެއްވި އެވެ.