Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

އިސްތިއުނާފާ ގުޅޭ ކަންބޮޑުވުންތައް އައްޑޫ ކައުންސިލުން އޭޖީ އަށް

އައްޑޫ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ އެންމެ ދެކުނު އަތޮޅުތަކުގެ ރައްޔިތުންނަށް އިސްތިއުނާފު ކުރުމުގެ ހައްޤަށް އުނިކަން ލިބޭ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން އެޓާނީ ޖެނެރަލް (އޭޖީ) މުހައްމަދު އަނިލްގެ ސަމާލު ކަމަށް އެކަން ގެނެސްފި އެވެ.

އައްޑޫ ރައްޔިތުންނަށް އިސްތިއުނާފު ކުރުމުގެ ޙައްޤު ނުލިބުމުން އެކަމުގެ ކަންބޮޑުވުންތަކާއި ދިމާވާ ދަތިތަކާއި އެކަމުގައި އުފުލަން ޖެހޭ ބުރައާއި ވޭނާއި ހިތްދަތިކަމުގެ ޝަކުވާތައް އައްޑޫ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލްގައި މެދުކެނޑުމެއްނެތި ކުރަމުން ގެންދާ ކަމަށް ކައުންސިލުން ބުންޏެވެ.

ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އިސްތިއުނާފުގެ ހައްގު ފޯރުކޮށް ދިނުމުގެ ގޮތުން ހުޅުމީދޫގައި ހައި ކޯޓްގެ ގޮތްޕެއް ގާއިމުކޮށް 2016 ގައި މަސައްކަތް ފެށި ނަމަވެސް، އެ ގޮފީގެ ފަނޑިޔާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މާލެ ގެންގޮސްފަ އެވެ.

ނަމަވެސް އެކަމުގެ ކަންބޮޑުވުންތައް އިތުރުވެފައި ވަނިކޮށް ދެކުނު ގޮތްޕަށް ފަނޑިޔާރުން މި މަހުގެ ތެރޭގައި ވަނީ އަލުން ފޮނުވައިފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި ދެކުނުގެ ރައްޔިތުންނަށް އިސްތިއުނާފު ކުރުމުގެ ޙައްޤު ނުލިބި ގިނަދުވަސްތަކެއްވަމުން ދާތީ އާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ޤާނޫނުން ލިބިދޭ މަންފާތަކަށް ހުރަސް އެޅި އާންމު މިނިވަންކަމާއި ރައްޔިތުންގެ ސަލާމަތަށް އުނިކަން ލިބެމުންދާތީ، އިސްތިއުނާފު ކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި މެދެކެނޑުމެއް ނެތި ރައްޔިތުންނަށް ލިބިދެވޭނެހެން ދައުލަތުގެ ތެރެއިން މިކަމަށް ބާރުއަޅުއްވައި ދެއްވައި މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށް ދެއްވުމަށް އޭޖީގެ ކިބައިން އެދިފައިވާ ކަމަށެވެ.