ކިތަންމެ ވަރަަކަށް ރިޝްވަތުގެ ހުތުރު އަމަލު ހިންގިޔަސް މަޖްލިސް ތެރެއިންވެސް އަދި އެއްވެސް ޝަރުއީ ކޯޓަކުން މި ސަރުކާރު އަޒަލު ކުރުމަށް އަމުރެއް ނުނެރޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ޝަރުއީ ކޯޓުތަކަށް އޮތް އިތުބާރު ކަނޑުވާލުމަށް ކުރާ މަސައްކަތް ކާމިޔާބް ނުވާނެކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް އެދި ކުރީގެ ދެ ރައީސުންނާއި ޖުމްހުރީ ޕާޓީގެ ލީޑަރ އަދި އަދާލަތު ޕާޓީގެ ނައިބް ލީޑަރ އަލީ ޒާހިރު ސްޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައިވަނިކޮށް އަދުރޭ ވިދާޅުވީ ޝަރުއީ ދާއިރާގައި ތިއްބެވީ ތަސައްރަފު ފުދިފައި ތިބި ބައެއް ކަމަށާއި ރައްޔިތުން ތިބީ މާ ބޮޑަށް ލޯ ހުޅުވަިއގެން ކަމަށެވެ. އަދި މިފަދައިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ފަރާތްތަކާއި ހަމައަށް ގާނޫނުގެ ދިގު އަތް ފޯރުވާނެކަމަށް އަދުރޭ ބުންޏެވެ.