އުރީދޫއިން ރާއްޖޭގެ ފުޓުބޯޅަ ދުނިޔޭގެ އެންމެ ބޮޑު، ބިޔަ ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ސްޕޮންސާ ކޮށްފިއެވެ.
ދިވެހި އެއްވަނަ ޑިވިޝަން ފުޓުބޯޅަ، ދިވެހި ޕްރިމިއާ ލީގުގެވެސް ސްޕޮންސަރ އުރީދޫން ނިއުގެ ބްރޭންޑް އެމްބެސެޑަރަށް ވުމަށްފަހު އިއްޔެ ވަނީ ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާންއެވެ. ނިއުގެ ފަރާތުން ސޮއިކޮށްފައިވަނީ ކުލަބުގެ ޗެއާމަން މުހައްމަދު ޒިޔާދުއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބި ޖެހިފައިވާ ގައުމެއް ކަމަށެވެ. އަދި އުރީދޫއަކީ ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާ ކުންފުންޏެއް ކަމަށާއި ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުލަބާއި ގުޅުމުން ފަޚުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުގެ ޗެއާމަންގެ ވިދާޅުވެފައިވަނީ ރާއްޖެއިން ދެވަނަ "ދަގަނޑޭ" އެއް ނެރުމަށް ކުޑަކުދިންގެ މެދުގައި އުރީދޫއާ ގުޅިގެން ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އުރީދޫއަކީ ފްރާންސުގެ ޕެރިސް ސެއިންޓް ޖާމަން(ޕީއެސްޖީ) ވެސް ސްޕޮންސަރ ކޮށްފައިވާ ކުންފުންޏެކެވެ. އަދި އުރީދޫގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ބާސާގެ ތަރި ލިއޯ މެސީވެސް ވަނީ މަސައްކަތްކޮށްފައެވެ.