ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ފަރާތުން ނެރޭ ބަޔާންތަކާއި އެފަރާތްތަކުން ދޭ މައުލޫމާތު ހާމަ ކުރާ މީޑިއާ ތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީފިއެވެ.
ފަހަކަށް އައިސް ކުރީގެ ނައިބް ރައީސް އަހުމަދު އަދިބް އާއި އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާންގެ އިތުރުން ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސްގެ ފަރާތުން ދަނީ ގިނަ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރަމުންނެވެ.
އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ފަރާތުން ރާއްޖޭގެ ސިޔަސީ މަސްރަހާއި ގުޅޭ ގޮތުން ނެރޭ ބަޔާންތަކެވެ.
ކަރެކްޝަނަލް ސާވިސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނާ ބައްދަލުކޮށް، އެއްވެސް މައުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުން ކުރެވޭނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ޚާއްސަ ގަވައިދުގެ ދަށުންނެވެ.
މި ގަވާއިދުގެ ދަށުން މިހާރު މީޑިއާ ތަކުގައި ޝާއިއު ކުރާ ހަބަރު ތަކަކީ ސައްހަ ހަބަރު ނޫންކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މީޑިއާތަކަށް މިފަދަ އިންޒާރެއް ދިން އިރު މިފަދަ ލިޔުން ޝާއިއު ކުރާ މީޑިއާތަކަށް އަޅާނެ ފިޔަވަޅެއް ކަރެކްޝަނުން ބުނެފައި ނުވެއެވެ.