ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަޒުލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅި ޚަބަރު ބައިނަލްއަގުވާމީ މީޑިޔާތަކުގައި ފެތުރިއްޖެއެވެ.
"އަލް ޖަޒީރާ" އަދި ވޮޝިންޓަން ޕޯސްޓް ފަދަ ބޭރުގެ ބޮޑެތި މީޑިޔާތަކުގައި ރައީސް ޔާމީން ބޭރުކުރަން އިސް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމުގެ ޚަބަރު ވަނީ އަރާފައެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މަގާމުން ދުރުކުރުމަށް އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން، ރައީސް ޔާމީން ވަނީ ސަޕޯޓަރުންނަށް އެގޮތަށް ކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެފަދަ ނިންމުމެއް ނިންމައިފިނަމަ ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަ އިރަށް، މަގުމަތިން ވައްޓާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަލް ޖަޒީރާއިން ވަނީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަމަށް ބުނާ ބޮޑެތި ކޮރަޕްޝަނުގެ ވާހަކަތައް ގެނެސްދޭ ޑޮކިއުމެންޓްރީއެވެސް ޝާއިއުކޮށްފައެވެ. އޭރުގެ ނައިބު ރައީސް އަދީބާއި އަދީބުގެ ގާތުން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން އެ ޑޮކިއުމެންޓްރީގައި ބުނާ ގޮތުގައި ގިނަ ފައިސާތަކެއް ސީދާ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެއެވެ.
އަދި ވޮޝިންޓަން ޕޯސްޓުގައި ވެސް ރައީސް ޔާމީން ބޭރުކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅި ޚަބަރު ގެނެސްދީފައިވެއެވެ.
އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި ރައީސް ޔާމީން ވަގުތީ ގޮތުން މަގާމުން ދުރުކުރުމަށް ހުށައަޅާފައިވަނީ ކޮރަޕްޝަނާއި ދައުލަތުގެ މިލްކިއްޔާތުން ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެއީ އިދިކޮޅު ފަރާތްތަކުގެ "ސައިޒު" ގައި ވާ ކަމެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ.