އިންޑިއާގެ ވެރިރަށް ދިއްލީގައި އަށް މަހުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.
އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވެނީ އޭނާގެ ދެބެންގެ ދެދަރި މީހެއްގެ މައްޗަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެކުއްޖާ އަށް ދަނީ ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ކަމަށެވެ.
އާދިއްތަ ދުވަހު އެކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހު ކަމުގައިވިޔަސް، މި ޚަބަރު އާންމުވެފައި ވަނީ ހޯމަ ދުވަހު ދިއްލީގެ މީޑިއާ އިން މި ޚަބަރު ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.
އެކުއްޖާ އަށް ހޮސްޕިޓަލުގައި ޒިޔާރަތްކުރި ދިއްލީ ކޮމިޝަން އޮފް ވިމެންގެ ޗީފް ސްވާތީ މަލިވާލް ބުނި ގޮތުގައި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެކުއްޖާ ވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނެއް ވެސް ކޮށްފައި ކަމަށެވެ.
މަލިވާލް ވަނީ ޤައުމުގެ އަންހެން ކުދިން ރައްކާތެރި ކުރުމަށްޓަކައި މިހާރަށްވުރެ ހަރުކަށި ޤާނޫންތަކާއި ފުލުހުންގެ އެހީ ބޭނުންވާ ކަމަށް ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އަށް ދަންނަވާފަ އެވެ.
ދިއްލީގެ ބަހެއްގެ ތެރޭގައި 2012 ވަނަ އަހަރު އުމުރުން 23 އަހަރުގެ އަންހެން ކުއްޖަކު ގޭންގްރޭޕްކުރި މައްސަލައަށްފަހު އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތަކަށް ދެމުން އަންނަ ސަމާލުކަން ވަނީ އިތުރުވެފަ އެވެ.
އެ ހާދިސާ އާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ކުރެވުނު މުޒާހަރާތަކުގެ ސަބަބުން އިންޑިއާގެ ސަރުކާރަށް ވަނީ ހަރުކަށި އެންޓި-ރޭޕް ޤާނޫންތައް ފާސްކުރުމަށް މަޖުބޫރުވެފަ އެވެ.
އެހެންނަމަވެސް އަދިވެސް އިންޑިއާގެ އެކި ހިސާބުތަކުން އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް އިހާނެތި ޖިންސީ ގޯނާތައް ކުރެވޭ ކަމުގެ ވާހަކަތައް ރިޕޯޓް ކުރެވެއެވެ.