އިންޑިއާގެ މައިންބަފައިން މެދުގައި އަންހެން ކުދިންނަށްވުރެ ބޮޑަށް ފިރިހެން ކުދިން ބޭނުންވުމުގެ ސަބަބުން، 21 މިލިއަން "ބޭނުމެއް ނެތް" އަންހެން ކުދިން އުފަންވެފައިވާ ކަމަށް ސަރުކާރުގެ ރިޕޯޓަކުން ލަފާކުރެއެވެ.
އިންޑިއާގެ ފައިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އާންމުކޮށް ފިރިހެން ކުއްޖަކު ލިބެންދެން ދެމަފިރިން ކުދިން ހޯދަމުންދާ ކަމަށެވެ. އޭގެ ސަބަބުން ބޭނުމެއް ނެތް އެތައް މިލިއަން އަންހެން ކުދިން ވަނީ އުފަންވެފަ އެވެ.
ރިޕޯޓްގެ ލިޔުންތެރިން ހޯދާފައިވާ ގޮތުގައި ފިރިހެން ކުދިން ހޯދުމުގެ ބޭނުމުގައި އަންހެން ކުދިން އެބޯޓްކުރުމުގެ ސަބަބުންނާއި އަންހެން ކުދިންނަށްވުރެ ބޮޑަށް ފިރިހެން ކުދިންނަށް ލޯތްބާއި އަޅާލުން ދިނުމުގެ ސަބަބުން އިންޑިއާގެ އާބާދީން 63 މިލިއަން އަންހެނުން "ގެއްލިފައިވާ" ކަމަށެވެ.
ބަނޑުގައިވާ ދަރިފުޅުގެ ޖިންސު ބެލުމަށްޓަކައި ޓެސްޓް ހެއްދުމަކީ އިންޑިއާގައި މަނާކަމެކެވެ. އެހެންނަމަވެސް އަދިވެސް ޤާނޫނާއި ޚިލާފަށް ބައެއް ހޮސްޕިޓަލްތަކުން ދަރިފުޅުގެ ޖިންސު ބަލައިދެއެވެ. އޭގެ ސަބަބުން އެބޯޓް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
އިންޑިއާގެ ޘަޤާފަތް އޮންނަގޮތުން އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިން އިސްކުރާ ބައެއް ސަބަބުތައް:
– ތަރިކަ މުދާ ފިރިހެން ކުދިންނަށް ލިބުން
– އަންހެން ކުދިންގެ ކައިވެންޏަށް އާއިލާއިން ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހުން
– ކައިވެނި ކުރުމަށްފަހު އަންހެނުން ފިރިމީހާގެ ގެއަށް ބަދަލުވުން
އިންޑިއާގައި އަންހެން ކުދިންނަށްވުރެ ބޮޑަށް ފިރިހެން ކުދިންނަށް އަހައްމިއްޔަތުކަން ދިނުމުގެ ސަބަބުން ފިރިހެން ކުދިން ހޯދާނެ ބައެއް ގޮތްތައް ބުނެދޭ ލިޔުމެއް ވެސް ނޫހެއްގައި ވަނީ ޝާއިރު ކުރެވިފައެވެ. އޭގެ ތެރޭގައި ނިދާއިރު ހުޅަނގު ފަރާތަށް މޫނުލައިގެން އޮތުމާއި ހަފްތާގެ ޚާއްސަ ބައެއް ދުވަސްތަކުގައި އަނބިފިރިކަމުގެ ގުޅުން ހިންގުން ވެސް ހިމެނެއެވެ.
އިކޮނޮމިކް ސާވޭގެ ލިޔުންތެރިން ހޯދާފައިވާ ގޮތުގައި އިންޑިއާގެ ޕަންޖާބް އާއި ހަރިޔާނާގައި އުމުރުން ހަތް އަހަރުން ދަށުގެ ކޮންމެ 1،200 ފިރިހެން ކުއްޖަކަށް ވަނީ 1،000 އަންހެން ކުދިންނެވެ.