Last Updated: June 13, 11:33
Saturday, June 13, 2026
ޚަބަރު

ރޭޕާ ގުޅިގެން ޖޭސަންގެ މައްސަލަ ޕީޖީ އަށް

މާލޭގެ އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ހިނގި މިހާދިސާގެ ތުހުމަތަށް ފުލުހުން ހައްޔަރުކޮށްފައިވަނީ ހަސަން ފާއިޒް (ޖޭސަން) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ގޮސްފައިވަނިކޮށް، އެރަށުންނެވެ.

ދެފަހަރެއްގެ މަތިން ޖޭސަންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައި ވާއިރު މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މީޑިޔާއަށް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ހައްޔަރު ކުރެވުނު ޖޭސަން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ދޮގު ވާހަކަތަކެއް ކަމަށާއި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިނުވާނެ ކަމަށް ހައްޔަރުކުރުމުގެ ކުރިން ބުނެފައެވެ. އޭނާ ބުނެފައިވަނީ މިވާހަކަތަކަކީ އޭނާގެ އަތުން ފައިސާ އަށް އެދުމުން އެކަން ނުކޮށްދިނުމުން އޭނާގެ އަގު ވައްޓާލުމަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ.

ޖޭސަންއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކުގެ ކޮއްކޮއެވެ.