Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ފުލުހުން މާލޭގެ ގެއެއް ފާސްކުރަނީ

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކުރަން ފަށައިފިއެވެ. ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ކުރިމަތީގައި ހުންނަ އިމާރާތެއް ފުލުހުން ފާސްކުރަން ފެށުމުން ގިނަ ބަޔަކަށް ހީވުނީ އެއީ ރިޝްވަތުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ ސޮފްވާންގެ އެޕާޓްމެންޓު ފާސްކުރީ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުން ފާސްކުރަމުން ދަނީ ފޭސްބުކް މެދުވެރިކޮށް ކުޑަކުދިންނާ ގުޅޭ ގޮތުން ބޭއަދަބީ ގޮތުން ޕޯސްޓު ކުރަމުން ދިޔަ ޕޭޖަކާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލައެއްގައި ފާސްކުރަމުންދާ އެޕާޓްމެންޓެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި އެއެޕާޓްމަންޓު ފާސްކުރުމަށްފަހު ހޯދިފައިވާ ކަމަށެވެ. މިދިޔަ އަހަރުން ފެށިގެން ކުޑަކުދިންގެ ފޮޓޯތައް ޕޭޖުގައި ޖެހުމަށްފަހު އެކުދިންނަށް ޖިންސީ ގޮތުން ފުރައްސާރަ ކުރަމުން އައި މިޕޭޖު ފުލުހުން ވަނީ މިހާރު ފޭސްބުކަށް އަންގައިގެން ފޮހެލާފައެވެ.

ނަމަވެސް އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެކަން ކުރި ބަޔަކު ހޯދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ރޭގެ އެޕާޓްމަންޓު ފާސްކުރުމަށްފަހު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.