ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ސްވެންސީ މިދިޔަ ހަފްތާގައި ލިވަޕޫލް ބަލިކުރުމަށްފަހު ރޭ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލްވެސް ބަލިކޮށްފިއެވެ. ރޭގެ މެޗުން އާސެނަލްގެ މައްޗަށް ސްވެންސީން ކުރި ހޯދާފައިވަނީ 1-3 އިންނެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާސެނަލް އިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ނަޗޯ މޮންރެއާލް އާސެނަލްއަށް ލީޑު ނަގާދީފައިވާއިރު އޭގެ އެއް މިނެޓު ފަހުން ސްވެންސީގެ ސޭމް ކްލޫކަސް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނު އިރު މެޗުގެ 61 ވަނަ މިނެޓުގައި ސްވެންސީގެ އަޔޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަޔޫގެ މި ލަނޑަކީ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ސާފުކުރަން އުޅުނު ބޯޅައެއް އޭރިޔާ ތެރެއިން އަޔޫއަށް ހުސްކޮށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލްއަށް އިތުރު ލަނޑެއް ނުޖެހި މެޗު ނިމެން ކައިރި ވަމުން ދަނިކޮށް ސްވެންސީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ އަނެއްކާވެސް ކްލޫކަސްއެވެ.
މިމޮޅާއެކު ސްވެންސީ ވަނީ ތާވަލުގެ ފުލުން ސަލާމަތްވެ، 17 ވަނަ އަށް ޖެހިލާފައެވެ. އާސެނަލް މިވަގުތު ހަވަނައިގައި އޮތްއިރު އަންނަ ގަދަ ހަތަރަކަށް ދިއުމަށް އާސެނަލް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަހެއް ވަނީ ކުރިމަތިވެފައެވެ.