Last Updated: April 29, 20:04
Monday, April 29, 2024
ޚަބަރު

ސާނަވީ އިމްތިހާނުގެ ކާމިޔާބީ މާދަމާ ފާހަގަ ކުރަނީ

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުން ރާއްޖޭން ބޮޑު ކާމިޔާބީއެއް ހޯދާފައިވާތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެކަން ހާއްސަ ގޮތަކަށް މާދަމާ ފާހަގަ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ބަނީ ސާނަވީ އިމްތިހާނުގެ މުހިއްމު ބޮޑު ކާމިޔާބީ ފާހަގަ ކުރަން ފަސް ކަމެއް ކުރަން ނިންމާފައިވާ ކަމަށެވެ.

* ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް ފަތިސް ނަމާދު ޖަމާއަތުގައި ކުރުން
* ފަތިސް ނަމާދަށް ފަހު ސްކޫލްގައި ހަތިމް ކުރުން
* ހަތިމް ކުރަން ފެށުމުގެ ކުރިން ދަރިވަރުން ގެއަށް ދޫކޮށް ސައިގެ ކަންކަން ކުރިއަށް ގެންދިއުން ނުވަތަ ބެލެނިވެރިންނާ މަޝްވަރާ ކުރައްވައި ސްކޫލްގައި ސައިގެ ކަންތައް ކުރިއަށް ގެންދަން ރޭވުން
* ހެނދުނު 7:00 ގައި މުނާސަބަތާ ގުޅޭ ހާއްސަ އެސެމްބްލީއެއް ހުރިހާ ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލްގައި ބޭއްވުން
* އެސެމްބްލީ އަށް ފަހު، ކަނޑައަޅާ ތާވަލެއްގެ މަތިން ސްކޫލުން ސާނަވީ މަރުހަލާގައި ހޯދާފައިވާ ކުރިއެރުންތަކާއި ގައުމީ ފެންވަރުގައި 2017 ގެ ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުތަކުން ރާއްޖެ އަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކޮށް، ދަރިވަރުންގެ ފަރާތުން ބެލެނިވެރިންނާއި މުދައްރިސުންނަށް ޝުކުރު އަދާ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން. އަދި ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނާއި މުދައްރިސުންނަށް ޝުކުރު އަދާ ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން

އެހެންވެ މިކަންކަން ސްކޫލްތަކުގައި ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގައިފަ އެވެ.