ވާރޭވެހި ފެންބޮޑުވާތީ ހިތަދޫގެ ބައެއް ސަރަހައްދުގައި ފެން ބޭރުކުރުމަށް އަޅާފައިވާ ހޮޅިތަކުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރަށުތެރެއަށް ލޮނުގަޑު ވަންނަ މައްސަލަ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް ގެނެސްގެންވެސް ހައްލުކޮށް ނުދެވި ދައުރު ނިމެން ކައިރިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ހޮޅިތަކުގެ ކޮޅުގައި ޖަހަން ޖެހޭ "ވަންވޭ" ވޭލްވް އެއް މި ސަރުކާރަށް ނުހޯދިގެންނެވެ. ބޮޑެތި ބްރިޖާއި 25 ބުރީގެ ބޮޑެތި އިމާރާތް އަޅަމުން އަންނަ މި ސަރުކާރުން ހިތަދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި މައްސަލަ ހައްލު ކޮށް ނުދެވި އޮތުމަކީ ލަދުވެތި ކަމެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުރިހާ ބާރެއް ނަގައި، ބޮޑު ހައުސިން މިނިސްޓްރީގެ އޮފީހެއް ހަދައި، 4 ކޯޑިނޭޓަރުންނާއި ވެހިކަލާއި މުވައްޒަފުން ތިބެ މިކަން ނުކުރެވި އޮތުމަކީ އައްޑޫ ހައުސިން މިނިސްޓްރީގެ އިސްވެރިން ލަދު ގަންނަން ޖެހޭނެ ކަމެކެވެ.
މިއަދުވެސް ހިތަދޫ ޒިޔާރަތްފަންނު މަގުން ދުއްވާ އެއްޗެއް ދުއްވެނީ ލޮނުގަނޑުގެ ތެރެއަށް އެރިގެންނެވެ. އަގު ބޮޑު ކާރުތައް ގަނެ ދައުލަތުން "ބުނާ އަދަދަކަށް" ޑިއުޓީ ދައްކައިގެން ގެންނަ އުޅަނދު ދުއްވަން މިޖެހެނީ ލޮނުގަޑުގައެވެ. މިއީ ރައްޔިތުންނަށް ހަމަޖެހިގެން ތިބެ ޖެއްސުން ކުރަނީ ނޫން ބާވައެވެ.

ހިތަދޫގެ އެކި ހިސާބުތަކަށް ދޭތެރެ ދޭތެރެއިން ލޮނުގަޑު އަރާ ދުވަސް ތަކުގައި ތަކުރާރުކޮށް "އައްޑޫލައިވް"ގެ ފަރާތުން ހައުސިން މިނިސްޓްރީއަށް ގުޅައިގެންވެސް މި މަސައްކަތް ދާ ގޮތެއް ސާފެއް ނުވެއެވެ. އެކޮޅުން ދޭ ޖަވާބަކީ އައްޑޫ ހައުސިން އިން މައުލޫމާތު ސާފު ކުރާށެވެ. އައްޑޫ ހައުސިންއިން ދޭ ޖަވާބަކީ މާލެ ގުޅައިގެން މައުލޫމާތު ހޯދާށެވެ.
ހައުސިން މިނިސްޓްރީގެ ވެރިން ޖަވާބު ނުދިން ނަމަވެސް އެކަން އެނގޭ ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ބުނީ މީގެ ކުރިން ތަކުރާރުކޮށް އެކަން ހައްލު ކުރުމަށް އައްޑޫ ހައުސިން މިނިސްޓްރީ އޮފީހަށް އެންގިކަމަށެވެ. އަދި އެކަމަށް ބޭނުންވާ އަގުގެ ކޯޓޭޝަން އެމްއާރްޑީސީން ހޯދައި މަސައްކަތް ކުރުމަށްވެސް ނިންމިއެވެ. ނަމަވެސް އެކަން ފަހުން ނުކޮށް އޮތީ ދޫކޮށްލާފައިކަމަށް އޭނާ ބުންޏެވެ.

މަގުތަކަށް ލޮނު އަރައި ގެއްލުން ވަމުން އަންނަ އިރު އަނެއް ކޮޅުން މަގުތައް ނުބެލެހެއްޓި މަގުތައް ނެހެދި ގޮސް މި ދައުރު ނިމެނީއެވެ. އައްޑޫގެ މަގު ހަދަނީ މިނިސްޓަރ "ޓްވިޓާ"އިންނެވެ. ކޯޑިނޭޓަރުންނާއި އެހެނިހެން ވެރިން ދުވަނީ އެކަކު އަނެކަކުގެ ޝަކުވާ ކޮށްގެން މަތީ މަގާމާއި އަމިއްލަ ޖީބު ބޮޑު ކުރެވޭތޯއެވެ.
ސުވާލަކީ މިމައްސަލަ ހިތަދޫ ރައްޔިތުންނާއި މަގު ބޭނުން ކުރާ ދިވެހި ރައްޔިތުންނަށް މި މައްސަލަ މި ސަރުކާރުގެ ބާކީ މިއޮތް މަދު ދުވަސްކޮޅުގައި ހައްލުކޮށްދޭނެތޯއެވެ. ރައްޔިތުން އަނގައިން ނުބުނެ ތިއްބަސް މިތިބީ މަންޒަރު ފިސާރި ގާތުން ބަލަބަލައެވެ.