Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް ހުޅުމާލެ އިން ފްލެޓް ދެނީ

ފޮޓޯ: ވަގުތު (އަޝްހާދް އަބްދުﷲ)

މީގެ ކުރިން މާލޭގެ ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތަކަށް ހޮވި، ފައިސާ ނުދެއްކުނު މީހުންނަށް ހުޅުމާލެއިން އަގުހެޔޮ ފްލެޓް ދޭން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާކޮށްފި އަދި އަރަބިއްޔާ ފްލެޓްތަކަށް ހޮވި ފައިސާ ނުދެއްކުނު ފަރާތްތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގަވާ އަގުހެޔޮ ގެދޮރުވެށިކަމުގެ މަޝްރޫއަކުން ފްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކުން މެދުކަނޑާލައި އޮތުމަށްފަހު މިއަދު ވަނީ އަނެއްކާވެސް ފްލެޓް ވިއްކުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ސައްޙަކަން ކަށަވަރުކުމަށްފަހު، ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އަދި ޝަރުތު ފުރިހަމަނުވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް އެކަން އެންގޭނެ ކަމަށެވެ.

މި ޕޯޓާލްއިން ފްލެޓްތައް ބައްލަވައިގަތުމަށްޓަކައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބެން ހުންނެ އެވެ. އަދި ފްލެޓްތައް ގަނެވޭނީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް އެކަންޏެވެ.